އެމްޓީޑީސީގެ ޗެއާމަނަކަށް ޝަހީރު

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމްޓީޑީސީ)ގެ ޗެއާމަންކަމުގެ މަގާމަށް ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއްގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އަހްމަދު ޝަހީރު އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން މިއަދު ބުނީ އެމްޓީޑީސީގެ ޗެއާމަންކަމުގެ މަގާމަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މ. ލާލުބާޣު، އަހްމަދު ޝަހީރު އައްޔަންކޮށްފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ޝަހީރު އެންމެ ފަހުން ހުންނެވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުގައެވެ. ޝަހީރު އެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެކަމަކު އެމްޓީޑީސީގެ ޗެއާމަންގެ މަގާމަށް އައްޔަންކުރަންވެގެން މިދިޔަ ބުރާސްފަތި ދުވަހު ޝަހީރު ވަނީ އެޗްޑީސީގެ ޗެއާމަންގެ މަގާމުން ވަކިކުރައްވާފަ އެވެ.

މިސަރުކާރުގައި ޝަހީރު ވަނީ ފެނަކައިގެ ޗެއާމަންކަންވެސް މީގެކުރިން ކުރައްވާފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޝަހީރު ވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަންވެސް ކުރައްވާފަ އެވެ.

އެމްޓީޑީސީގެ ޗެއާމަނަކަށް އެންމެ ފަހުން ހުންނެވި އަބްދުﷲ ފާއިޒު ވަނީ މިފްކޯގެ ޗެއާޕާސަންކަމުގެ މަގާމަށް ބަދަލުކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *