ދެބަސްވުން އުފެދޭ ވިޔަފާރީގެ މައްސަލަތަކަށް އަވަސް ހައްލުތަކެއް ހޯދައިދިނުމުގެ ގޮތުން މާކެންޓައިލް ކޯޓެއް ގާއިމުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މަދަނީ އިޖުރާއަތުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. މީގެތެރެއިން އެންމެ މުހިއްމު ކަމަކީ މާލީ މައްސަލަތައް ވަކިން ބެލޭނެ ނިޒާމެއް ގާއިމުކުރުން ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ގެންގުޅެނީ ދެ ވިސްނުމެކެވެ. އެއީ މާކެންޓައިލް ކޯޓެއް ކޯޓު ގާއިމުކުރުން ނުވަތަ ސިވިލް ކޯޓުގައި ވިޔަފާރީގެ މައްސަލަތަކަށް ހާއްސަ ޑިވިޝަނެއް ގާއިމުކުރުމެވެ.
ރައީސް ވިދާޅުވީ މި ބަދަލުތައް ގެނައުމަށްޓަކައި ކަމާގުޅޭ ފަންނީ ދިރާސާތައް ކުރަމުންދާ ކަމަށެވެ. އޭގެފަހުން ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ބިލްތައް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގެ ތެރޭގައި އެ ބިލްތައް ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވި އެވެ. މިބަދަލުތަކާއެކު ކޯޓުތަކުގައި ވަކި ގޮތެއް ނުނިމި މައްސަލަތައް އަވަހަށް ނިމިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
"ކޯޓުތަކުގައި މިހާރު އެބަހުރި ވިޔަފާރިއާ ގުޅޭ ބައިވަރު މައްސަލަތައް. މިލިއަންސް އޮފް މިލިއަންސް އޮފް ރުފިޔާގެ މައްސަލަތައް އެބަހުރި. ލަސްކަމާ އެކީގައި ހިނގަނީ،" ރައީސް ވިދާޅުވި އެވެ.




