ޒަމާނީ ޓްރެފިކް މޮނިޓަރިން ސެންޓަރެއް ގާއިމުކުރަނީ

މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށްޓަކައި އެންމެ ޒަމާނީ ޓްރެފިކް މޮނިޓަރިން ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވީ އަލަށް ތަސްދީގު ކުރެވުނު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދެނީ މި ސެންޓަރު ގާއިމުކުރުމަށް ކަމަށެވެ. މިމަސައްކަތުގައި ބޭރުގެ އެހީތެރިކަމާއި ޒަމާނީ ވަސީލަތްތައް ހޯދާނެ ކަމަށްވެސް ވިދާޅުވި އެވެ.

"މުޅި މާލެ އެެއްކޮށް ޓްރެފިކް މޮނިޓާކުރެވޭނެ ޒަމާނީ ޓްރެފިކް ސެންޓަރެއް ގާއިމްކުރުން، ރިއަލްޓައިމްކޮށް މޮނިޓާ ކުރެވޭނެ ޓްރެފިކް ސެންޓަރެއް ގާއިމްކުރުމަކީ މީގެ އެންމެ ވަރުގަދަ އެއް މަސައްކަތް،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިފަދަ ސެންޓަރެއް ގާއިމުކުރުމާ ގުޅިގެން މަގުތަކުގެ ޓްރެފިކްގެ ހާލަތު ވަގުތުން ވަގުތަށް ފުލުހުންނަށް ބަލައިލެވޭނެ ކަމަށެވެ. އަދި ޓްރެފިކާ ގުޅޭ ހިދުމަތްތައް ޑިޖިޓަލް ކުރުމަށް އަމާޒެއް އެބައޮތް ކަަމުގައިވެސް ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މާލެ ސަރަހައްދުގެ ޓްރެފިކްގެ މައްސަލަތައް ހައްލުކުރާނީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއާ އެކުގައި ކަމަށެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލޭގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް މިއަހަރު ފެށި، އެ މަސައްކަތް އެއްކޮށް ނިމޭއިރު މަގުތަކަށާއި ޓްރެފިކް މައްސަލައަށްވެސް ޒަމާނީ ހައްލުތަކެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"މަގުތައް ޒަމާނީ ފެންވަރަށް ހެދިގެން އަންނަ އިރު ޓްރެފިކް މައްސަލަވެސް ޒަމާނީ ފެންވަރަށް ތަރައްގީކުރަން މަސައްކަތްކުރަން. އެއީ ވިޝަންއަކީ،" މިނިސްޓަރު ވިދާޅުވި އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި މާލެ ސަރަހައްދަކީ ވެހިކަލް ރަޖިސްޓަރީކުރުން ކޮންޓްރޯލް ކޮށްފައިވާ ސަރަހައްދަކަށް ހަދާފައިވެ އެވެ. ގާނޫނުގައި އެހެން އޮތް ނަމަވެސް ވަކި އުސޫލުތަކަކާއި ހަމަތަކެއްގެ ތެރެއިން ވެހިކަލް ރަޖިސްޓަރީކޮށްދޭނެ ކަމުގައިވެސް ސައީދު ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *