ވިޔަފާރި ބަނދަރުގެ މަޝްރޫއުގައި ވަކި ގައުމެއް އިސްކުރާ ވާހަކަތައް ދޮގުކޮށްފި

ތިލަފުށީގައި ތަރައްގީކުރާ އާ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރުގެ މަޝްރޫއުގައި ވަކި ހާރިޖީ ބައިވެރިއަކަށް ސަރުކާރުން އިސްކަންދީފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އިކޮނޮމިކް މިނިސްޓްރީން ދޮގުކޮށްފި އެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި މަޝްރޫއު ހަވާލުކޮށްފައިވަނީ މިފަދަ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ކަނޑައަޅާފައިވާ ހަމަތަކާއި ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

މި ނިންމުމަކީ ހަމައެކަނި ރާއްޖޭގެ ދިގު މުއްދަތުގެ ތަރައްގީގެ އިސްކަންދޭ ކަންކަމަށް ރިއާޔަތްކޮށް ނިންމާފައިވާ ނިންމުމެއް ކަމަށާއި މިއީ އެއްވެސް ހާރިޖީ ބައިވެރިއަކާ މެދު އޮތް ގުޅުމަށް ބަދަލެއް އައިސް ނުވަތަ ވަކި ގޮތަކަށް ދެކޭތީ ނިންމި ނިންމުމެއް ނޫން ކަމަށްވެސް މިނިސްޓްރީން ބުނެފައިވެ އެވެ.

މީގެއިތުރުން، ތިލަފުށީ ބަނދަރު ތަރައްގީކުރުމާއި، އޭގެ މިލްކުވެރިކަމާއި އަދި ހިންގުމުގެ ފުރިހަމަ ބާރު އަބަދުވެސް އޮންނާނީ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ބުނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަކީ އެއްވެސް ދޫދިނުމެއް އޮތް ކަމެއް ނޫން ކަމަށާއި، ގާނޫނާއި ގައުމީ މަސްލަހަތު ތަންދޭ މިންވަރުން ބޭރުން، ރާއްޖޭގެ އުމްރާނީ ނިންމުންތަކުގެ މައްޗަށް ބަސްބުނުމުގެ ހައްގު މާޒީގައި އަދި މިހާރުވެސް އެއްވެސް ބޭރުގެ ފަރާތަކަށް ލިބިގެންނުވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *