ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ މީހުން ހައްޔަރުކޮށްފި އެވެ.
އެ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ހުޅުމާލެ ސްޕެޝަލް އެންފޯސްމެންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ހުޅުމާލެ ކޮރަލް ސީ9 ކައިރިން އެ މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ ބަންގްލަދޭޝްއަށް ނިސްބަތްވާ ތުޝާރު ގާޒީ (22އ) އާއި، ނޮބީ ނޫރް (30އ) އެވެ.
ފުލުހުން ބުނީ އެ މީހުން ދިރިއުޅޭ ތަން ބަލައި ފާސްކުރިއިރު 29 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުންވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.




