މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ އޮގަސްޓު މަހު އާމްދަނީގެ ގޮތުގައި 2.42 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 14 ޕަސެންޓް އިތުރު އަދި މި އަހަރުގެ އޮގަސްޓު މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 24 ޕަސެންޓް އިތުރު އަދަދެކެވެ.
މީރާއިން ހާމަކުރި ގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު މި އަހަރުގެ އޮގަސްޓް މަހު އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ، މި އަހަރުގެ އިންކަމް ޓެކްސް ނެގުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން އޮގަސްޓް ދެ ވަނަ ދުވަހަށް މުއްދަތު އިތުރު ކުރުމެވެ.
މީގެ ސަބަބުން، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ ޓެކްސް، ބޭންކް އިންކަމް ޓެކްސް، އަދި ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ.
މީގެ އިތުރުން، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އިތުރުވެފައިވުމަކީވެސް މި މުއްދަތުގެ އާމްދަނީ އިތުރުވި އެއް ސަބަބު ކަމަށާއި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ މި އަހަރުގެ އޮގަސްޓު މަހު ރިކޯޑްކުރެވިފައިވާއިރު، 2025 ވަނަ އަހަރުގެ އޮގަސްޓު މަހު މި ފީ ރިކޯޑްކުރެވިފައެއްނުވެ އެވެ. ހަމަމިއާއެކު، ވާކް ޕާމިޓް ފީ ވަނީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހާއި އަޅާބަލާއިރު މި އަހަރުގެ އޮގަސްޓް މަހު އިތުރުވެފަ އެވެ.
އަންދާޒާ ކުރި ވަރަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހާއި، އާންމު ދާއިރާގެ ޖީއެސްޓީ އާއި، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ އިތުރުން ބޭންކް އިންކަމް ޓެކްސް އިތުރުވުން ހިމެނޭކަން މީރާ އިން ފާހަގަ ކުރެ އެވެ.
މީރާއަށް މި އަހަރުގެ އޮގަސްޓް މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ.
ޖީއެސްޓީގެ ގޮތުގައި 1.25 ބިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ ޖުމްލަ އާމްދަނީގެ 51.5 ޕަސެންޓެވެ.
ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 20.2 ޕަސެންޓް ނުވަތަ 490 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން، ގްރީން ޓެކުހުގެ ގޮތުގައި 200 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 146 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކުހުގެ ގޮތުގައި 144 މިލިއަން ރުފިޔާ އަދި ވާކް ޕާމިޓް ފީގެ ގޮތުގައި 77 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މި އަހަރުގެ އޮގަސްޓް މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 98.08 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.




