އިންވެސްޓަރުންގެ އިތުބާރު ގެއްލުވާލައިފި: ފައްޔާޒު

ރާއްޖޭގައި ވިޔަފާރިކުރަން ބޭނުންވާ އިންވެސްޓަރުންގެ އިތުބާރު ސަރުކާރުން ގެއްލުވާލާފައިވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވެފައި މިވަނީ ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބޭރުގެ ބުކިން ޕްލެޓްފޯމުތަކުން ދޭ ހިދުމަތްތަކުން ޖީއެސްޓީ ނެގުމުގެ ބިލަށް ސަރުކާރުން އަމަލުކުރަން ފެށުމާ ގުޅިގެން ބޭރުގެ ޓުއާ އޮޕަރޭޓަރުން އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންދާ ވަގުތެއްގައެވެ.

ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން ފެށުމާ ގުޅިގެން ދައުލަތަށް އަހަރަކު 1.61 ބިލިއަން ރުފިޔާ ވަންނާނެ ކަމަށް ސަރުކާރުން ދެކެ އެވެ. އިސްލާހުގެ ދަށުން ޖީއެސްޓީ ނަގަން ފަށާނީ ކުރިއަށް އޮތް އޮކްޓޯބަރުން ފެށިގެންނެވެ.

މިމައްސަލަ އާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މިހާރު ފެންނަމުން މިދަނީ އެއްވެސް މަޝްވަރާއެއް ދިރާސާއެއް ކުރުމެއް ނެތި 24 ގަޑިއިރު ތެރޭ ގާނޫނު ބަދަލުކޮށް ވިޔަފާރިތަކަށް ދަތިކުރުމުގެ ނަތީޖާ ކަމަށެވެ.

ސަރުކާރުގެ އިސްރާފަށް ހަރަދުކުރަން ރަން ބިސް އަޅާ ކުކުޅު ގުރުބާންކޮށް މުޅި ސިނާއަތާ މެދު އިންވެސްޓަރުންނާއި ވިޔަފާރިތަކުގެ އިތުބާރު އިއާދަނުކުރެވޭ މިންވަރަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެއްލުވާލާފައިވާ ކަމަށްވެސް ފައްޔާޒު ތުހުމަތުކުރެއްވި އެވެ.

"ޓުއާ އޮޕަރޭޓަރުންނާ މަޝްވަރާކޮށްގެން ހައްލެއް ހޯދުމަށް ސަރުކާރަށް ގޮވާލަން. ތި ހުށަހަޅުއްވަނީ މުޅި އިގުތިސޯދާއި ގައުމު ބޮޑު ނުރައްކަލަކަށް،" ފައްޔާޒު ވިދާޅުވި އެވެ.

ބޭރުގެ ޓުއާ އޮޕަރޭޓަަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓެކްސް ނަގަން ނިންމުމާ ގުޅިގެން ރާއްޖޭގެ ޓުއާ އޮޕަރޭޓަރުންގެ އެންމެ ބޮޑު އެއް ޖަމިއްޔާ — މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިންވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *