ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމާ މެދު ގޮތެއް ނިންމަން މިރެއަށް ތާވަލްކުރި ޖޭއެސްސީގެ ޖަލްސާ ކެންސަލް ކޮށްފި އެވެ.
ޖޭއެސްސީގެ ޖަލްސާއެއް މިރޭ 8:00 އަށް ތާވަލްކޮށްފައި އޮތް އިރު އެ ޖަލްސާގެ އެޖެންޑާގައި އޮތް ހަމައެކަނި މައްސަލައަކީ ދެ ފަނޑިޔާރުން ވަކިކުރުމާ މެދު ގޮތެއް ނިންމުމެވެ.
އެކަމަކު މިރޭގެ ޖަލްސާ ފަހު ވަގުތު ކެންސަލް ކުރި ސަބަބެއް އެނގިފައެއް ނުވެ އެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒުއާ ގުޅޭ ގޮތުން ޖޭއެސްސީން ބެލީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައެކެވެ.
އެ މައްސަލައިގައި ދެ ފަނޑިޔާރުން ހާޒިރުކޮށް ޖޭއެސްސީން ވަނީ ބަޔާން ވެސް ނަގާފަ އެވެ. ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން އެ ދެ ފަނޑިޔާރުންގެ މައްސަލަ ބެލި ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ވަނީ ނިންމާފަ އެވެ.




