އޭޝިއާގެ އެންމެ މޮޅު 10 ޓެކް ލީޑަރުންގެ ތެރޭގައި އުރީދޫ ނިޔާޒް ހިމެނިއްޖެ

އޭޝިއާގެ އެންމެ މޮޅު 10 ޓެކްނޮލޮޖީ ލީޑަރުންގެ ތެރޭގައި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ހުސައިން ނިޔާޒު ހިމެނިއްޖެއެވެ.

ނިޔާޒް ހިމެނިފައި ވަނީ މަޝްހޫރު ބިޒްނަސް މެގަޒިންތަކުގެ ތެރެއިން މެގަޒިނެއް ކަމަށްވާ "ޓްރޭޑް ފްލޮކް" އެކުލަވާލި 2025 ގެ އެންމެ މޮޅު 10 ޓެކް ލީޑަރުންގެ ތެރޭގައެވެ.

ޓްރޭޑް ފްލޮކްގެ މެގަޒިންގައި ނިޔާޒް އާއި ގުޅޭ ގޮތުން ލިޔެފައިވާ ތައާރަފްގައި ބުނެފައި ވަނީ ނިޔާޒަކީ މިލިޓަރީ ސިގްނަލްސް އެކްސްޕަރޓެއްގެ ވަޒީފާ އިން އޫރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރގެ މަޤާމަށް ކުރެއްވި ދަތުރުން ފެންނަނީ އޭނާގެ ގިނަ ދާއިރާތަކަށް ފެތޭ ލީޑަރޝިޕާއި ކުރިއެރުމަށް ކުރައްވާ މަސައްކަތްޕުޅެވެ.

އެމްއެންޑީއެފްގައި 12 އަހަރު ހޭދަކުރެއްވުމަށްފަހު، އިލެކްޓްރޯނިކްސް އަދި މުވާސަލާތީ ދާއިރާގެ ޓެކްނިކަލް ހުނަރުތައް އިތުރަށް ތަރައްޤީކުރެއްވުމަށް ނިޔާޒް ޓެލެކޮމް ދާއިރާއަށް ބަދަލުވެވަޑައިގެންނެވިކަން ފާހަގަކޮށް މެގަޒިންގައި ބުނެފައި ވަނީ ނިޔާޒްގެ ޓެކްނިކަލް ދާއިރާއިން ވިޔަފާރީގެ ދާއިރާއަށް ވަޑައިގެންނެވި ބަދަލަކީ އޭނާގެ ކެރިއަރގައި މުހިންމު ބަދަލެކެވެ. މިބަދަލުން އޫރީދޫ މޯލްޑިވްސްގެ މާކެޓް ޕޮޒިޝަން އަލުން އެކުލަވާލުމަށް އެހީތެރިވެދިން ކަމަށް ވެސް ބުނެފައި ވެއެވެ.

އޭނާގެ ލީޑަރޝިޕްގެ ދަށުން، ކުންފުނިން ވަނީ މާކެޓް ޝެއަރގައި ކުރީއްސުރެ ހުރި ލޯކަލް ވާދަވެރިން ފަހަނައަޅާ ގޮސްފައިވާ ކަމަށާއި ނިޔާޒްގެ އަމާޒަކީ ހަމައެކަނި ނަންބަރުތައް މައްޗަށް ޖެއްސުމެއް ނޫން ކަމަށް ބުނެފައި ވެއެވެ. "އޭނާއަކީ އިންކްލޫސިވް އަދި މީހުންނަށް އަމާޒުކުރެވިފައިވާ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ވަކާލާތުކުރައްވާ ބޭފުޅެކެވެ. ސްކޫލު ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާ ހަމައަށް، މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ މީހުން ބާރުވެރިކުރުވުމަށް ޑިޖިޓަލް ލިޓަރަސީ ޕްރޮގްރާމްތަކާއި، ތައުލީމީ ޕާޓްނަރޝިޕްތަކާއި، ލޯކަލް ކައުންސިލްތަކާއެކު މަސައްކަތްކުރުމަށް އޭނާ ވަރަށް ބޮޑަށް ގަބޫލުކުރައްވައެވެ. ޓެކްނޮލޮޖީއާއި ދިރިއުޅުމާ ދެމެދު ހުރި ގެޕް ކުޑަކުރުމުގެ ތެރެއިން، ނިޔާޒް ޔަގީންކުރައްވަނީ ގުޅުމުގެ ފައިދާތައް ގައުމުގެ ހުރިހާ ކަންކޮޅުތަކަކަށް ފޯރުކޮށްދިނުމެވެ. ލީޑަރެއްގެ ގޮތުން، ނިޔާޒްގެ އަސްލުވަންތަކަމާއި، ޓެކްނިކަލް ތަޖުރިބާއާއި، އެކި ގްރޫޕްތަކާއެކު މުއާމަލާތްކުރުމުގެ ގާބިލްކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އިސް ބާރަކަށް އޭނާ ވެފައިވެއެވެ. އޭނާގެ މިޝަން ސާފެވެ. އެއީ ޑިޖިޓަލް ޑިވައިޑް ކުޑަކޮށް، ޓެކްނޮލޮޖީން ބާރުވެރިކުރުވިފައިވާ މާދަމާއަކަށް ގައުމު ވާސިލްކުރުވުމެވެ." އެމަޖައްލާގައި ބުނެފައި ވެއެވެ.

ޓްރޭޑްފްލޮކް އަށް ނިޔާޒް ދިން އިންޓަވިއުއެއްގައި ވިދާޅުވީ އޭނާގެ ކެރިއަރ ފެށުނީ އަސްކަރިއްޔާގެ ކޮމިއުނިކޭޝަންސްގައި 12 އަހަރު ޚިދުމަތްކުރުމާއެކު ކަމަށާއި ޑިސިޕްލިންއާއި ޓެކްނިކަލް ހުނަރުގެ ވަރުގަދަ ބިންގަލެއް އެޅުނު ދުވަސްވަރެއް ކަމަށެވެ. "ޓެލެކޮމްގެ ދާއިރާ ކުރިއަރަމުންދާކަން ފާހަގަކުރެވުމާއެކު، އަޅުގަނޑު އޫރީދޫ މޯލްޑިވްސްއާ ގުޅުނީ ޓެކްނީޝަނެއްގެ ގޮތުގައި. އަދި މުޅި ގައުމުގެ އިންފްރާސްޓްރަކްޗަރ ބެލެހެއްޓުމުގެ ޒިންމާ އަދާކުރި ހެޑް އޮފް ނެޓްވަރކްސްގެ މަޤާމަށް ކުރިއަރައިގެން ދިޔަ. އެންމެ މުހިންމު ބަދަލު އައީ ކޮމާޝަލް ޑިވިޒަންގެ އިސްވެރިޔާގެ މަޤާމަށް އަޅުގަނޑު ޢައްޔަންކުރެވުނު ހިސާބުން. އެއީ ޓެކްނިކަލް ތަޖުރިބާއާއި ވިޔަފާރީގެ ސްޓްރެޓެޖީ އެއްކޮށްލި އާދަޔާ ޚިލާފު ބަދަލެއް. މި ބަދަލު ސާބިތުވީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި. މަދު އަހަރުތަކެއްގެ ތެރޭގައި، ރާއްޖޭގެ އެންމެ ވަރުގަދަ ވާދަވެރިޔާގެ މާކެޓް ޝެއަރގެ ބޮޑު ބައެއް ހޯދައި، އޫރީދޫގެ ޞިނާޢަތުގެ މަޤާމު އަލުން މާނަކުރެވި، އަޅުގަނޑުގެ ކެރިއަރގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރެވުނެ." އޭނާ ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ ކުރިން އޭނާ އަމާޒުކުރީ ސީދާ ޓެކްނިކަލް މަސައްކަތަށް ކަމުގައިވީނަމަވެސް، މިއަދު އޭނާގެ އަމާޒަކީ ވިޔަފާރީގެ ސްޓްރެޓެޖީ އެކުލަވާލުމާއި، ބްރޭންޑް މާކެޓިންގ، ކަސްޓަމަރ ސަރވިސް، ސޭލްސް އަދި ޑިސްޓްރިބިއުޝަން ދާއިރާތައް އިސްވެ ހިންގުމެވެ. "އެއީ މާކެޓްގެ ކަންކަން ހިނގާގޮތާއި ކަސްޓަމަރުންގެ އާދަކާދަ ދެނެގަނެ، ވިޔަފާރި ކުރިއެރުވުމާ ބެހޭ ކަންކަން. މިއީ ގޮންޖެހުންތަކާއެކުވެސް ހިތްހަމަޖެހުން ލިބޭ ކަމެއް." ނިޔާޒްގެ އިންޓަވިއުގައި ވިދާޅުވިއެވެ.

އުރީދޫގެ ސީއީއޯގެ މަގާމަށް ވަޑައިގަންނަވަން އުއްމީދު ކުރަައްވަންތޯ ސުވާލު ކުރުމުން ނިޔާޒް ވިދާޅިވީ "އާނ. އަބަދުވެސް އަޅުގަނޑު ކުރިއަރައި އާ ދާއިރާތައް ދަސްކުރުމަށް ޝައުޤުވެރިވަން. މިހާރު ހުރި ހިސާބުން ހުއްޓާނުލާ، އަޅުގަނޑުގެ މަޢުލޫމާތާއި ޒިންމާތައް އިތުރުކުރަމުން ގެންދަން. ކުރިމަގުގައި، އަޅުގަނޑުގެ ކުރިއެރުމުގެ ވިސްނުމާއި ކަންކަން ދެނެގަތުމުގެ ޝައުޤުވެރިކަމާއެކު، އިތުރު މަޤާމަކަށް ކުރިއަރަން އަޅުގަނޑު އެދެން." ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *