މޯލްޑިވްސް އެެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗެއާޕާސަންގެ މަގާމަށް އައިޝާ ނޫރައިން ޖަނާހް އައްޔަންކުރައްވައިފި އެވެ.
މިއީ އެމްއޭސީއެލްގެ ޗެއާޕާސަންގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަންކުރެއްވި ފުރަތަމަ ފަހަރެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ނޫރައިން އެންމެ ފުރަތަމަ އައްޔަންކުރެއްވީ އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމަށެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ ޑިސެމްބަރު 27، 2023 ގައެވެ. އެކަމަކު އެމްއެމްޕީއާރްސީގެ ބޯޑު މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދި، ނޫރައިން ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ނޫރައިން އަކީ ޕްރިންސިޕަލް އެޑްވައިޒަ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމުގައި ހުންނެވި މުހައްމަދު އަލީ ޖަނާހްގެ ދޮށީ ދަރިކަނބަލުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒަރެއްގެ ގޮތުގައި ޖަނާހް ހުންނެވީ ވަޒީރުންގެ ފެންވަރުގައި މުސާރަ ނުހިނގާ ގޮތަށެވެ.
ހަޔާތުގައި ގިނަ އަހަރުތަކެއް ސްވިޒަލޭންޑްގައި ހޭދަކުރައްވާފައިވާ ނޫރައިން އަކީ ޗާޓާޑް އެކައުންޓަންޓެކެވެ. ނޫރައިން އަކީ 10 އަހަރުގެ މެނޭޖުމަންޓް ތަޖުރިބާ ވެސް ހުންނެވި އަދި ޖަނާހުގެ ހޮޓެލްސް އެންޑް ރިސޯޓް އިންވަސްޓްމަންޓް ގްރޫޕްގައިވެސް ވައިސް ޗެއާ އެވެ.




