ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޕެސެންޖާ ޓާމިނަލަށް ފިޓްސް އެއާ ބަދަލުކޮށް، އެތަނުން ހިދުމަތް ދޭން ފަށައިފި އެވެ.
ސްރީލަންކާއަށް ނިސްބަތްވާ ފިޓްސް އެއާ އަކީ އާ ޓާމިނަލަށް ބަދަލުކުރި ހަތަރުވަނަ އެއާލައިނެވެ.
ފިޓްސް އެއާ އާ ޓާމިނަލަށް ބަދަލުކޮށް، ހިދުމަތް ދޭން ފެށީ މިއަދު އެކަމަށްޓަަކައި ޓާމިނަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އެވެ.
އާ ޓާމިނަލުން މިއަދު ވަނީ ފިޓްސް އެއާގެ ޗެކިން ކައުންޓަރުތައް ހުޅުވައި، އެ އެއާލައިނުން މިއަދު ފުރި 71 ޕަސިންޖަރުންނަށާއި އެ އެއާލައިނުން މިއަދު ރާއްޖެ އައި 154 ޕަސިންޖަރުންނަށް ހިދުމަތް ދީފަ އެވެ.
ސްރީލަންކާގެ އެންމެ ބޮޑު ޕްރައިވެޓް އެއާލައިން — ފިޓްސް އެއާ އިން ސްރީލަންކާއާއި ރާއްޖެއާ ދެމެދު ދަތުރުރަށް ފެށީ 2022 ވަނަ އަހަރު އެވެ.
ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލްގައި މިހާރު ހިދުމަތް ދެނީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އާއި ޔޫއޭއީގެ ބަޖެޓް އެއާލައިން އެއާ އަރަބިއާ އަށާއި ރާއްޖޭގެ ބަޔަކު ހިއްސާވާ ލަގްޒަރީ އެއާލައިނެއް ކަމަށްވާ ބިއޮންޑް އަށެވެ.
އެމްއޭސީއެލް އިން އަމާޒު ހިފާފައިވަނީ ވީއައިއޭ މިހާރު ބޭނުންކުރާ 34 އެއާލައިން ކުރިއަށް އޮތް ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އާ ޓާމިނަލަށް ބަދަލުކޮށް ހިދުމަތް ދޭށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަދަން ފެށި އާ ޕެސެންޖާ ޓާމިނަލަށް 457 މިލިއަން ޑޮލަރު — ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިތަނުން އަހަރަކު 7.5 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.




