ކަރަންޓުގެ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީ މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދުނު ކަރަންޓް ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މާލެ ސަރަޙައްދަށް ދެމުންދާ ކަރަންޓުގެ ހިދުމަތް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ހުޅުމާލޭގައި ގާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގޭގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް މާދާމަ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކަރަންޓް ކަނޑާލުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 6:00 އިން 10:00އާ ދެމެދުގެ ވަގުތެއްގައެވެ. މިވަގުތުތަކުގެ ތެރޭގައި ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނު ނިއްވާލުމަށް ވަނީ ހަމަޖެހިފަ އެވެ.
މަސައްކަތް ކުރިއަށްދާ ވަގުތުގެ ތެރޭގައި މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ގާތްގަނޑަކަށް އެއްގަޑިއިރަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ. ކަރަންޓު ކެނޑުމުގެ ކުރިން އެސްއެމްއެސް އަކުން އެކަން އަންގާނެ ކަމަށްވެސް ބުންޏެވެ.
ސްޓެލްކޯ އިން ބުނީ ހިދުމަތް މެދުކެނޑޭ ސަރަހައްދުތަކުގައި ހިމެނޭ ހޮސްޕިޓަލްތަކާއި އަދި އެހެނިހެން މުހިއްމު ހިދުމަތް ދޭ މުއައްސަސާތަކަށް ކަރަންޓުގެ ހިދުމަތް ކެނޑިގެން ނުދާނެ ކަމަށެވެ.
ކަރަންޓު ކަނޑާލުމަށް ވަކި ގަޑިއެއް ކަނޑައަޅާފައިވީ ނަމަވެސް އަމާޒަކީ އެ ވަގުތުގެ ކުރިން މަސައްކަތް ނިންމާލުން ކަމަށް ސްޓެލްކޯ އިން ބުންޏެވެ. މިމަސައްކަތުގެ ބޭނުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓުގެ ހިދުމަތް ދިނުމުގައި ދިމާވެދާނެ މައްސަލަތަކަށް ދުރާލާ ތައްޔާރުވެ، މައްސަލަތައް ހުއްޓުވުމުގެ ގޮތުން ކުރާ މަސައްކަތެއް ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ.




