ހުއްދަ ނެތި ހިންގާތީ ކިހާދުއްފަރު ރިސޯޓަށް ފިޔަވަޅު އަޅަނީ

ބ. އަތޮޅުގައި އޮންނަ ކިހާދުއްފަރުގައި ހިންގާ ކިހާ މޯލްޑިވްސް ރިސޯޓު ގާނޫނާ ހިލާފަށް ހިންގަމުންދާތީ ފިޔަވަޅު އަޅަން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިރޭ ނެރުނު އިއުލާނެއްގައި ބުނީ ކިހާދުއްފަރުގައި ހިންގާ ކިހާ މޯލްޑިވްސް އަކީ އެ މިނިސްޓްރީއާ އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޓޫރިސްޓް ރިޒޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށްދީފައިވާ ރަށެއް ކަމަށެވެ.

ކިހާދުއްފަރުގައި ތަރައްގީކޮށްފައިވާ ޓޫރިސްޓް ރިޒޯޓަކީ ޓޫރިޒަމާ ބެހޭ ގާނޫނު އަދި މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހިންގަމުން ދިޔަ ރިޒޯޓެއް ކަމަށް ނުވާތީ މިނިސްޓްރީގެ ފަރާތުން ތަކުރާރުކޮށް ފުރުސަތުދީ ވަކި ޝަރުތުތަކެއްގެ މަތިން އެންމެ ފަހުން ރިޒޯޓު ހިންގުމަށް އެ ކުންފުންޏަށް ދީފައިވާ ވަގުތީ އޮޕަރޭޓިން ލައިސަންސުގެ މުއްދަތު 27 ސެޕްޓެންބަރު 2024ގެ ނިޔަލަށް ހަމަވުމާ ހަމައަށްވެސް އެ ކަންކަން އެކުންފުނިން ރަނގަޅުކޮށްފައި ނުވާ ކަމަށް އިއުލާނުގައިވެ އެވެ.

އެ މުއްދަތުގެ ފަހުން އެ ކުންފުންޏަށް ރިޒޯޓު ހިންގުމަށް އިތުރު އޮޕަރޭޓިން ލައިސަންސެއް ދީފައި ނުވާ ކަމަށާއި ރިޒޯޓު އޮޕަރޭޓިން ލައިސަންސް ނެތި ޓޫރިސްޓް ރިޒޯޓު ހިންގުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށްވާތީއާއި އަދި އެ ކުންފުނިން ހުއްދަ ނެތި އެ ރަށުގައި ފަތުރުވެރިން ބައިތިއްބާތީ ދެ ފަހަރެއްގެ މަތިން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެކުންފުނި ޖޫރިމަނާކުރެވިފައިވާ ކަމަށްވެސް ބުންޏެވެ.

މިނިސްޓްރީގެ އެންގުންތަކަށް އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ތަކުރާރުކޮށް ހިލާފުވެފައިވާތީ އަދި ގާނޫނާ ހިލާފަށް އެރަށުގައި ޓޫރިސްޓުންނަށް ހިދުމަތް ދެމުން ގެންދާތީ ޓޫރިޒަމާ ބެހޭ ގާނޫނާ، އެ ރަށް ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެ އެއްބަސްވުމުގެ ދަށުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އަޅަމުންދާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ކިހާ މޯލްޑިވްސް ރިޒޯޓަށް ޓޫރިސްޓުން ގެންދިއުމަށް އެއްވެސް މުޢާމަލާތެއް އެއްވެސް ސިފައެއްގައި އެއްވެސް ފަރާތަކުން ނުކުރުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *