ރާއްޖެއަށް މިދިޔަ ޖުލައި މަހު 4.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ތެލުގެ އިމްޕޯޓް ނުހިމަނައި އިމްޕޯޓްކުރި މުދަލުގެ އަގު ހުރީ 3.6 ބިލިއަން ރުފިޔާގަ އެވެ.
ރާއްޖެއަށް މިދިޔަ ޖުލައި މަހު އެންމެ ގިނައިން އިމްޕޯޓްކުރީ ތެލުގެ ބާވަތްތަކެވެ. އެ ގޮތުން 923 މިލިއަން ރުފިޔާގެ ތެޔޮ އިމްޕޯޓްކޮށްފައިވެ އެވެ.
ދެން އެންމެ ގިނައިން ގެނެސްފައިވަނީ ކާބޯތަކެއްޗާއި މެޝިނަރީ އެވެ. އެ ގޮތުން 859 މިލިއަން ރުފިޔާގެ ކާބޯތަކެތި އަދި 735 މިލިއަން ރުފިޔާގެ މެޝިނަރީ މިދިޔަ މަހު ރާއްޖެ ގެނައެވެ.
ރާއްޖެއަށް މިދިޔަ ޖުލައި މަހު އެންމެ ގިނައިން މުދާ އިމްޕޯޓްކުރީ ޗައިނާއިންނެވެ.
އެ ގައުމުން 712 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރިއިރު މިއީ ޖުމްލަ އިމްޕޯޓްގެ 16 ޕަސެންޓެވެ.
އިންޑިއާއިން 704 މިލިއަން ރުފިޔާގެ މުދާ މިދިޔަ މަހު އިމްޕޯޓްކުރިއިރު ޔޫއޭއީ އިން 622 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެ އެވެ.
މީގެ އިތުރުން އޮމާނުން 513 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 432 މިލިއަން ރުފިޔާގެ މުދާ ރާއްޖެ ގެނެސްފައިވެ އެވެ.




