ޣައްޒާއަށް ފޮނުވާ ފައުޖުގައި އިންޑޮނީޝިއާ އާއި މޮރޮކޯގެ ސިފައިން ބައިވެރިވުމަށް އެއްބަސްވެފައިވާ ކަމަށް އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް (އައިއެސްއެފް) އިން ބުނެފި އެވެ.
އައިއެސްއެފްގެ ކޮމާންޑަރު ވިދާޅުވި ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ "ބޯޑް އޮފް ޕީސް" އިން އިންތިޒާމުކުރާ މިޝަންގައި ބައިވެރިވުމަށް އިންޑޮނޭޝިއާ އާއި މޮރޮކޯގެ އިތުރުން ކަޒަކިސްތާނާއި ކޮސޯވޯ އަދި އަލްބޭނިއާއިން ވަނީ އެއްބަސްވެފަ އެވެ.
މި ފައުޖަށް 8،000 ސިފައިން ފޮނުވާނެ ކަމަށް އިންޑޮނީޝިއާ އިން ބުނެފައިވާއިރު ސިފައިންނާއި މެޑިކަލް ޔުނިޓް ޣައްޒާއަށް ފޮނުވާނެ ކަމަށް ކަޒަކިސްތާނުން ވަނީ ބުނެފަ އެވެ.
މޮރޮކޯ އިން ވަނީ ޣައްޒާއަށް ފުލުހުން ފޮނުވަން ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ. މީގެ އިތުރުން މި ފައުޖަށް ސިފައިން ފޮނުވާނެ ކަމަށް އަލްބޭނިއާ އިންވެސް ބުންޏެވެ.
އުރުދުން އަދި މިސްރުން ވަނީ ފުލުހުން ތަމްރީން ކުރުމުގައި ބައިވެރިވާނެކަން ހާމަކޮށްފަ އެވެ.




