ހައިފާގައި ހުންނަ އިޒްރޭލުގެ އަސްކަރީ މަރުކަޒަށް ދިން ހަމަލާގެ ޒިންމާ ލުބުނާންގެ ހިޒްބުﷲ ޖަމާއަތުން އުފުލައިފި އެވެ.
އެ ޖަމާއަތުން ބުނި ގޮތުގައި މި ހަމަލާއަކީ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނައީ އަވަހާރަކޮށްލުމުން ބަދަލު ހިފުމުގެ ގޮތުންނާއި ލުބުނާނާއި އެ ގައުމުގެ ރައްޔިތުންގެ ދިފާއުގައި ދިން ހަމަލާއެކެވެ. އަދި މިއީ އިޒްރޭލުން ހިންގާ އުދުވާނަށް ދިން ވަރުގަދަ ރައްދެއް ކަމަށްވެސް އެ ޖަމާއަތުން ބުންޏެވެ.
ހިޒްބުﷲ އިން އިތުރަށް ބުނީ އިޒްރޭލުގެ އުދުވާން ހުއްޓާނުލާނަމަ ރައްދު ދޭނެ ކަމަށެވެ.
ހިޒްބުﷲ އިން މި ހަމަލާ ދިނުމުން އިޒްރޭލުން މިހާރު ވަނީ އެ ޖަމާއަތުގެ މަރުކަޒުތަކަށް ކަމަށް ބުނެ ލުބުނާނަށް ހަމަލާ ދޭން ފަށާފަ އެވެ.




