އެންމެ ބޭނުންވަނީ އީރާނުގެ ތެޔޮ އަތުލަން – ޓްރަމްޕް

އީރާނުގެ ތެޔޮ އެކްސްޕޯޓް ކޮންޓްރޯލް ކުރުމަށްޓަކައި، އެ ގައުމުގެ މައި އެކްސްޕޯޓް ހަބް ކަމަށްވާ ޚާރްގް އައިލެންޑް އެމެރިކާގެ ސިފައިން ހިފުމުގެ ފުރުސަތު އެބައޮތް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ވިދާޅުވީ އާދީއްތަ ދުވަހު ފައިނޭންޝަލް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި، ޖެނުއަރީ މަހު ހިންގި އަސްކަރީ ހަމަލާއަކަށްފަހު ވެނެޒުއޭލާގައި ކަންކުރި ފަދައިން، އީރާންގެ ތެޔޮ ސިނާއަތާއި އެކްސްޕޯޓް ދާއިމީ ގޮތަކަށް އެމެރިކާއިން ކޮންޓްރޯލް ކުރުމަކީ އޭނާ "އެންމެ ބޭނުންވާ" ގޮތެވެ.

"ތެދަށް ބުނާނަމަ، އަހަރެން އެންމެ ބޭނުންވަނީ އީރާނުގެ ތެޔޮ އަތުލަން. އެކަމަކު އެމެރިކާގައި ތިބި ބައެއް މޮޔަ މީހުން ބުނަނީ ތިހެން ތިހަދަނީ ކީއްވެގެން ހެއްޔޭ؟ އެހެން އެބުނަނީ މޮޔަ މީހުން،" ޓްރަމްޕް ވިދާޅުވިއެވެ.

"ފަހަރުގައި އަހަރެމެން ޚާރްގް އައިލެންޑް އަތުލަފާނަން، ނޫނީ އެރަށް އަހަރެމެންގެ ބާރުގެ ދަށަށް ނުވެސް ނަގައިފާނަން. އަހަރެމެންގެ އަތުގައި ވަރަށް ގިނަ އިޚްތިޔާރުތައް އެބަހުރި،" ޓްރަމްޕް އިތުރަށް ވިދާޅުވިއެވެ. މިފަދަ ފިޔަވަޅެއް އެޅުމުގެ މާނައަކީ އެމެރިކާގެ ސިފައިން "ވަކި މުއްދަތަކަށް އެތަނުގައި ތިބެންޖެހުން" ކަމަށްވެސް ޓްރަމްޕް ފާހަގަކުރެއްވިއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ވޯ އިން އެ ސަރަހައްދަށް ފައުޖުތައް ޖަމާކުރަމުންދާތީ، އެއްގަމު މަގުން އަސްކަރީ އޮޕަރޭޝަނެއް ފަށާފާނެ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. އީރާންގެ އޮފިޝަލުން ވިދާޅުވީ އެ ގައުމުގެ ސިފައިން ތިބީ އެމެރިކާ ސިފައިންގެ އިންތިޒާރުގައި ކަމަށާއި، "ގާތަށް އައުމަށް" ގޮވާލާކަމަށެވެ. އެމެރިކާއިން މަޝްވަރާގެ ވާހަކަ ދައްކަމުން، ސިއްރިއްޔާތުގައި އީރާނަށް އަރައިގަތުމަކަށް ރާވަމުންދާ ކަމަށް އީރާނުން ވަނީ ތުހުމަތުކޮށްފައެވެ.

އީރާނުން ޚާރްޖް އައިލެންޑްގެ ދިފާއީ ކަންކަން ވަރުގަދަކުރުމަށް މައިންތަކާއި، އަތުން އުފުލޭ ވައިގެ ދިފާއީ ނިޒާމުތަކާއި، އެފް.ޕީ.ވީ ޑްރޯން ޔުނިޓްތައް އެ ރަށުގައި ގާއިމުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޚާރްޖް އައިލެންޑަށް އެމެރިކާ ސިފައިން އަރައިފިނަމަ އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ކުރެވޭ ލަފާކުރުންތަކަށް ޓްރަމްޕް ވަނީ އިންކާރުކޮށްފިއެވެ.

ޚާރްޖް އައިލެންޑާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "އެމީހުންގެ އެއްވެސް ދިފާއެއް އޮތް ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން. އަހަރެމެންނަށް ވަރަށް ފަސޭހައިން އެތަން ހިފިދާނެ،" ކަމަށެވެ.

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ވަގަށް ނަގައި، އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ސަރުކާރެއް ވެނެޒުއޭލާގައި ގާއިމުކުރުމަށް އެމެރިކާ ސިފައިން ހިންގި ހަމަލާއަށްފަހު، އެ ގައުމުގެ ތެޔޮ ސިނާއަތް "ވަކި މުއްދަތެއް ނެތް ގޮތަށް" ކޮންޓްރޯލް ކުރާނެ ކަމަށް ޓްރަމްޕް ވަނީ ވައުދުވެވަޑައިގެންފައެވެ.

އެމެރިކާއިން މިހާރު ވަނީ ވެނެޒުއޭލާގެ ސާފުނުކުރާ ތެޔޮ އެކްސްޕޯޓް ކުރުމުގެ މައްޗަށް ބާރު ފޯރުވާފައެވެ. އަދި އެއިން ލިބޭ ފައިސާ ސީދާ ވެނެޒުއޭލާގެ ދައުލަތަށް ދިނުމުގެ ބަދަލުގައި ޖަމާކުރަނީ އެމެރިކާގެ ޓްރެޜަރީން ބަލަހައްޓާ، ހިފެހެއްޓިފައިވާ އެކައުންޓްތަކަށެވެ. އެ ގައުމުގެ ވަގުތީ ރައީސާ ޑެލްސީ ރޮޑްރިގޭޒް ވެސް ވަނީ ގާތްގަނޑަކަށް 100 މިލިއަން ޑޮލަރުގެ ރަން އެމެރިކާއަށް ވިއްކުމަށް އެއްބަސްވެވަޑައިގެންފައެވެ. މި މުއާމަލާތުން ލިބޭ ފައިސާވެސް ކޮންޓްރޯލް ކުރާނީ އެމެރިކާއިންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *