މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޑްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ސީއީއޯގެ މަގާމު މުހައްމަދު ބައްސާމް އާދަމް އިސްތިއުފާ ދެއްވައިފި އެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ބައްސާމް ވިދާޅުވީ ޓޫރިޒަމް ސިނާއަތަށް ހަލުވި ބަދަލުތަކެއް އަންނަ ދަނޑިވަޅެއްގައި މަޓާޓޯގައި އިސްކޮށްހުރެ ހިދުމަތް ކުރުމަކީ ލިބުނު ޝަރަފެއް ކަމަށެވެ.
މަގާމުން ވަކިވެގެންދާއިރު ދާއިރާގެ ކުރިއެރުމަށް ފެށި މަސައްކަތްތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހައްގުގައި އުފުލި އަޑާމެދު ފަހުރުވެރިވާ ކަމަށްވެސް ބައްސާމް ވިދާޅުވި އެވެ.
ބައްސާމް ވަނީ އެކި ގޮތްގޮތުން އެހީތެރިވެ ދެއްވި އެންމެންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ދާއިރާގައި ދެމި ހުންނާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
މަޓާޓޯގެ ސީއީއޯގެ މަގާމަށް ބައްސާމް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
ބައްސާމް ވަނީ އެމްއެމްޕީއާރްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފަ އެވެ.




