މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްދަޅުގެ އަގު ބޮޑުކޮށްފި އެވެ.
މި ބަދަލު ގެންނަން ޖެހުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ހަރަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާ ގުޅިގެން ކަމަށް މިފްކޯއިން ބުންޏެވެ.
މިފްކޯއިން ބުނި ގޮތުގައި މާޗް މަހުގެ ކުރިން 11.57ރ. އަށް ލީޓަރެއް ލިބެމުން ދިޔަ ތެޔޮ މިހާރު ލިބެނީ 14.32ރ. އަށެވެ.
މިއަދުން ފެށިގެން ގެނައި މި ބަދަލާއެކު، ތެޔޮ މަސްދަޅެއް ވިއްކުމަށް ހަމަޖެހިފައިވަނީ 18.50ރ. އަށެވެ. މިއީ ކުރީގެ އަގުން އެންމެ ރުފިޔާއެއްގެ ބޮޑުވުމެކެވެ. މި ބަދަލާއެކު، ތެޔޮ މަސްދަޅު ކޭހެއް ވިއްކުމަށް ހަމަޖެހިފައިވަނީ 800ރ. އަށެވެ.
މިފްކޯއިން ބުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުޅި ދުނިޔޭގެ އިގުތިސާދަށް އަންނަ ހީނަރުކަމާއެކު ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން މިފްކޯގެ އުފެއްދުންތެރިކަމުގެ ހަރަދު ބޮޑުވެފައިވީނަމަވެސް ކުންފުނިން ފިޔަވަޅުތައް އަޅަމުންދާނީ ރައްޔިތުންނަށް އޭގެ އަސަރު އެންމެ ކުޑަވާނެ ގޮތަކަށް ކަމަށެވެ.




