ފީފާގެ ރައީސްކަމަށް އިންފަންޓީނޯއަށް ކުރިމަތިނުލެވޭ ގޮތް ހަދަނީ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް އިތުރު ދައުރަކަށް ކުރިމަތިނުލެވޭ ގޮތް ހެދުމަށް ހުށަހަޅައިފި އެވެ.

ފީފާގެ ގަވަނަންސް، އޮޑިޓް އެންޑް ކޮމްޕްލަޔަންސް ކޮމިޓީއަށް މިކަމާ ގުޅޭ ހުށަހެޅުން ހުށަހެޅީ ހިިއުމަން ރައިޓްސް ޖަމިއްޔާއެއް ކަމަށްވާ ފެއާ ސްކެއާއިން ފޮނުވި ސިޓީއެއްގައެވެ.

ފީފާގެ ރައީސްކަމާ އިންފަންޓީނޯ ހަވާލުވީ 2016 ވަނަ އަހަރުގެ ފީފާގެ ރައީސްގެ ގޮތުގައި ހުންނެވި ސެޕް ބްލެޓާއަށް ކުރެވުނު ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކަށްފަހު އޭނާ މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެން އެ އަހަރު ބޭއްވި ފީފާގެ އެކްސްޓްރާ އޯޑިނަރީ އިންތިހާބުގައެވެ.

އިންފަންޓީނޯ ބުނާ ގޮތުގައި ބްލެޓާ އިސްތިއުފާ ދެއްވުމުން އޭނާ ހަވާލުވި ދައުރަކީ އޭނާގެ ފުރަތަމަ ދައުރެއް ނޫނެވެ. ނަމަވެސް ފެއާ ސްކެއާއިން ގަބޫލުކުރާ ގޮތުގައި އެއީ ބްލެޓާގެ ދައުރުގެ ވަރަށް ކުރީކޮޅު ކަމަށްވާތީ އިންފަންޓީނޯގެ ތިން ދައުރުގެ މުއްދަތު ގުނަންޖެހޭނީ އެ ދައުރާވެސް އެކުގައެވެ. އެހެންނޫނީ ފީފޭ ތެރޭގައި ގޯސް އުސޫލުތަކަކަށް އަމަލުކުރަން ފުރުސަތު ލިބިދާނެ ކަމަށްވެސް ސިޓީގައިވެ އެވެ.

ފީފާގެ ގަވައިދުގައިވާ ގޮތުން އެ ޖަމިއްޔާގެ ރައީސްކަމުގައި އެކަކަށް ހުރެވޭނީ ގިނަވެގެން ތިން ދައުރު އެވެ.

ފީފާގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ އަހަރު މާޗް މަހުގެ ތެރޭގައި މޮރޮކޯގެ ރަބާތުގައި ބާއްވާ ކޮންގްރެސްގަ އެވެ.

އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިންފަންޓީނޯ އިއުލާންކޮށްފައިވީ ނަމަވެސް އޭނާއާ ދެކޮޅަށް އުތުރު އެމެރިކާ އާއި ޔޫރަޕް އަދި އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާތަކުން ވަނީ ނިކުމެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *