ސައުތު އޭޝިއަން ގޭމްސް އޭޕްރީލްގައި ބާއްވަނީ

ސާދަވަނަ ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ އެޕްރީލް މަހު ބޭއްވުމަށް ނިންމައިފި އެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 3 އިން 11 އަށް ޕާކިސްތާނުގެ އިސްލާމް އާބާދާއި ލާހޯރު އަދި ޕިޝާވަރުގައެވެ.

ސައުތު އޭޝިއަން އޮލިމްޕިކް ކޮމިޓީ ކައުންސިލުން މިދިޔަ އާދިއްތަ ދުވަހު ޕާކިސްތާނުގެ އިސްލާމްއާބާދުގައި ބޭއްވި ބައްދަލުވުމުގައި ވަނީ މުބާރާތުގެ ތާރީހާއި ޝެޑިއުލް ކަނޑައަޅާފަ އެވެ.

މިބައްދަލުވުމުގައި ރާއްޖެ ތަމްސީލް ކުރީ އޮލިމްޕިކް ކޮމެޓީގެ ރައީސް މުޙައްމަދު އަބްދުއްސައްތާރާއި ޖެނެރަލް ސެކްރެޓަރީ ތަމޫހް އަހްމަދު އެވެ.

ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވާ ސައުތު އޭޝިއަން ގޭމްސްގެ އަންނަ އަހަރުގެ މުބާރާތުގައި 28 ކުޅިވަރަކުން 346 މެޑަލް އިވެންޓް ކުރިއަށް ގެންދޭނެ އެވެ. މުބާރާތުގައި 3،200 އެތުލީޓުންނާއި އެހީތެރިންނާ އެކު ޖުމްލަ 4،200 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ސައުތު އޭޝިއަން ގޭމްސްގެ 13 ވަނަ އެޑިޝަން 2019 ގައި އޮތީ ނޭޕާލުގަ އެވެ. ޕާކިސްތާންގައި އެންމެ ފަހުން މި މުބާރާތް ބޭއްވީ 2004 ވަނަ އަހަރު އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *