ކުލަބް ލެގޫންސްގެ އިންތިހާބާ ގުޅިގެން ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް ކޯޓުގެ ހުކުމަށް އަމަލުކޮށްފައި ނުވާ ކަމަށް ބުނެ ސްޕޯޓްސް ކައުންސިލަށް މައްސަލަ ހުށައަޅައިފި އެވެ.
ތޮލާލް ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ތުހުމަތުކޮށް މި މައްސަލަ ހުށަހެޅީ ލެގޫންސްގެ ދެ މެންބަރުން ކަމަށްވާ އަބްދުލް ވާހިދާއި އަހުމަދު އަލީ އެވެ.
ގައުމީ ކުޅިވަރު މަޖިލީހަށް ކުލަބުގެ އާންމު ދެ މެންބަރުން ހުށަހެޅި މައްސަލައިގައި ބުނީ ކުލަބުގެ ހިންގާ ކޮމިޓީގެ ދައުރު މާޗް 11 ހަމަވެފައިވާ ކަމަށާއި ވައިބާ މެދުވެރިކޮށް ކުރިއަށް ގެންގޮސްފައިވާ އިންތިހާބާއި އެއަށްފަހު މެންބަރުން ވަކިކުރަން ނިންމި ނިންމުންތަކަކީ ބާތިލު ނިންމުންތަކެއްކަން ސިވިލް ކޯޓުން މި އަހަރުގެ ޖޫން 17 ވަނަ ދުވަހު ކަނޑައަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން ސްޕޯޓްސް ކޮމިޝަނާގެ ބެލުމުގެ ދަށުން އާ އިންތިހާބެއް ބޭއްވުމަށް އަމުރުކޮށްފައިވާކަން މި މައްސަލައިގައި ވަނީ ފާހަގަކޮށްފަ އެވެ.
ކުލަބުގެ އާންމު ދެ މެންބަރުން ހުށަހެޅި މައްސަލައިގައި ބުނީ ސްޕޯޓްސް ކޮމިޝަނަރުގެ އެއްވެސް ބައިވެރިވުމެއް ނެތި، ދައުރު ހަމަވެފައިވާ ކޮމިޓީން އިސްވެ އަމިއްލައަށް މެންބަރުންގެ ލިސްޓެއް ތައްޔާރުކޮށް ލެގޫންސް ދަނޑުގައި މިދިޔަ ބުދަ ދުވަހުގެ ރޭ އިންތިހާބެއް ބާއްވާފައިވާ ކަމަށެވެ. އަދި އެރޭ ބޭއްވި އިންތިހާބުގެ ނަތީޖާ ސްޕޯޓްސް ކޮމިޝަނަރުގެ ފަރާތުން ފަހުން އެންޑޯސްކޮށްދީ، ކުލަބުގެ ދަފްތަރު އަޕްޑޭޓްކޮށްދީފައިވާ ކަމަށްވެސް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.
ސްޕޯޓްސް ކޮމިޝަނަރުގެ މި އަމަލަކީ ކޯޓު ހުކުމް ތަންފީޒުކުރުމަށް ހުރަސްއަޅައި ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ކޮށްފައިވާ އަމަލެއް ކަމަށް ލެގޫންސްގެ ދެ މެންބަރުން ކަމަށްވާ އަބްދުލް ވާހިދާއި އަހުމަދު އަލީ ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ. އަދި މިކަން ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅު އަޅައިދިނުމަށްވެސް އެދިފައިވެ އެވެ.




