އަލްޓްރާ ސައުންޑް ސްކޭން މެޝިން އުފެއްދުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ ޖީއީ ހެލްތްކެއާ އިން އަލަށް ބާޒާރަށް ނެރެފައިވާ ޕޯޓަބަލް އަލްޓްރާސައުންޑްގެ މޮޑެލް "ވީ ސްކޭން"ގެ މޮޑެލްތައް އެސްޓީއޯއިން ރާއްޖެއަށް ތައާރަފްކޮށްފި އެވެ.
ހޮޓެލް ޖެންގައި ރޭ ބޭއްވުނު ހަފްލާގައި މިޑިވައިސް ތައާރަފް ކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ޝިމާދު އިބްރާހިމް އަދި ޖީއީ ހެލްތްކެއާގެ ދެކުނު އޭޝިއާގެ ސޭލްސް ހެޑް ޖަގްދިޝް ބާބޫ އެވެ.
ސްކޭންގެ ހިދުމަތް ދެމުން އައި ގޮތް، ކްލިނިކް ތަކުގެ ކޮންސަލްޓޭޝަން ރޫމްތަކުން ނުކުމެ، ޕޭޝަންޓާ ވީހާވެސް ކައިރިން ހިދުމަތް ދިނުމުގައި އަލަށް ތައާރަފް ކުރެވުނު މިމޮޑެލްތަކުން ވަރަށް ބޮޑު ދައުރެއް އަދާކުރާނެ އެވެ. އަދި ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ކުދިކުދި ރަށްރަށަށް މިހިދުމަތް ފުޅާކުރުމުގައި މިއީ ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމުގައި އެސްޓީއޯގެ ހެލްތުކެއަ ޓީމުން ގަބޫލުކުރެ އެވެ.
މިމޮޑެލް ތަކުން އެޕަލް އަދި އެންޑްރޮއިޑްގެ ފޯނާއި ލެޕްޓޮޕަށް ގުޅާލެވި، ސްކޭންކުރާ އިމޭޖްތައް ޑީއައިކޮމް ސްޓޭންޑަޑްގައި ޝެއަ ކުރެވެ އެވެ.
ސްކޭން މެޝިންގެ ބްރޭންޑު ތަކުގެ ތެރެއިން ޖީއީ ހެލްތްކެއާއަކީ ރޭޑިއޮލޮޖިސްޓުންގެ މެދުގައި މަގުބޫލު ބްރޭންޑެކެވެ.
ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލްތަކުގައި މިހާރުވެސް ފުޅާދާއިރާއެއްގައި ބޭނުންކުރަމުން އަންނަ މި ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ އެސްޓީއޯ އެވެ. އަދި މިބްރޭންޑުގެ މެޝިނަރީސްގެ އާފްޓަ ސޭލްސް ސާވިސް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމުގެ ގޮތުން އެސްޓީއޯގެ ބަޔޯމެޑިކަލް ޓީމުން ވަނީ ޖީއީ ހެލްތްކެއާގެ ކޮންމެ މޮޑަލިޓީއަކަށް ހާއްސަ އިންޖިނިއަރެއް ތަމްރީނުކޮށް، މަސައްކަތަށް ނެރެފަ އެވެ.
އެގޮތުން އެމްއާރްއައި، ސީޓީ، މެމޮގްރަފީ އަދި އަލްޓްރާ ސައުންޑް ފަދަ ކޮންމެ މޮޑަލިޓީއަކަށް ސެޓިފައިޑް އިންޖިނިއަރުންގެ ޓީމެއް އޮތް އިރު އެ ޓީމުގައި ދިވެހި އަންހެން އިންޖިނިއަރުން ތިބިކަން އެއީ އެސްޓީއޯއިން ފާހަގަކުރެ އެވެ.
ޑިވައިސް އަކީވެސް އެސްޓީއޯއިން ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މިދާއިރާއަށް ހާއްސަ އީޖާދީ އުފެއްދުންތައް ދިވެހީންނާ ހަމައަށް ގެނެސްދިނުމަށް ކެނޑިނޭޅި ކުރަމުން އަންނަ މަސައްކަތަށް ލިބުނު ކާމިޔާބީއެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.




