ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އާމްދަނީގެ 40 ޕަސަންޓް ބޭންކްތަކަށް މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވާން ފަށައިފި އެވެ.
މިކަން ހާމަކުރެއްވީ ބައެއް ވަޒީރުންނާ އެކު އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހިމެނޭ ގޮތަށް ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން މިހާރު ބޭންކުތަކަށް ޑޮލަރު މާރުކުރަންޖެހެނީ ބޮލަކަށް 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 ޕަސެންޓެވެ.
ގަވަރުނަރު ވިދާޅުވީ މިހާރު އަމަަލުކުރަމުންދާ އުސޫލު އުވާލުމަށްފަހު ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 ޕަސެންޓު ކޮންމެ މަހަކު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރަން ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
ގަވަރުނަރު ވިދާޅުވީ ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 ޕަސެންޓު ކޮންމެ މަހަކު ރާއްޖޭގެ ބޭންކުތަކަށް މާރުކުރުމުގެ އިތުރުން ބާކީ ހުންނަ ބޭރު ފައިސާ ބޭނުންކުރާ ގޮތުގެ މޮނިޓަރިން ފިޔަވަޅުތައް ހަރުދަނާކުރެވޭ ގޮތަށްވެސް ގާނޫނު އިސްލާހު ކުރާނެ ކަމަށެވެ.
ޑޮލަރު ހޯދަން ދަތިވާ މައްސަލަައަށް އޮތް ހަމައެކަނި ހައްލަކީ ޑޮލަރުން ލިބޭ އާމްދަނީ ލިބޭ ފަރާތްތަކުން ރާއްޖޭގެ ބޭންކްތަކަށް ޑޮލަރު މާރުކުރުން ކަމަށް ގަވަރުނަރު ތަކުރާރުކޮށް ވިދާޅުވި އެވެ. އެމްއެމްއޭއަށް މިހާރު ލިބޭ ޑޮލަރުގެ ބޮޑު އަދަދެއް ބޭނުންކުރަނީ ދައުލަތުގެ ދަރަނިތައް ޚަލާސް ކުރުމަށް ކަމަށްވެސް ވިދާޅުވި އެވެ.
ގަވަރުނަރު އިތުރަށް ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށާއި ދިވެހި ރުފިޔާގެ ބާރު ވަރުގަދަ ކުރުމަށްޓަކައި ރާއްޖޭގައި ކުރެވޭ ހުރިހާ ވިޔަފާރި މުއާމަލާތްތައް ދިވެހި ރުފިޔާއިން ކުރަންޖެހޭ ކަމަށެވެ.
"މިއީ މިއަދަކު އަޅުގަނޑު ދައްކާ ވާހަކައެއް ނޫން. މިއީ ވަރަށް ކުރީއްސުރެ ދައްކާ ވާހަކައެއް،" އޭނާ ވިދާޅުވި އެވެ.
ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އާމްދަނީގެ ވަކި ޕަސަންޓެއް ރާއްޖޭގެ ބޭންކްތަކަށް މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ކުރުމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެ ދުވަސްވަރު ގަވަރުނަރަކަށް ހުންނެވި އަލީ ހާޝިމް މަސައްކަތް ކުރެއްވި ކަމަށްވެސް މުނައްވަރު ވިދާޅުވި އެވެ. އޭރު މަސައްކަތް ކުރީ އާމްދަނީގެ 60 ޕަސަންޓް މާރުކުރަން ކަމަށްވެސް ވިދާޅުވި އެވެެ. ނަމަވެސް އެކަން ހުއްޓުނު ސަބަބެއް މުނައްވަރު ހިއްސާކުރައްވާފައެއް ނުވެ އެވެ.




