ބޭރު ފައިސާ މާރުކުރުމުގެ ހުއްދަ ނެތް ހަތް ފަރާތަކުން މިދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި 77 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެ އެވެ.
ބައެއް ވަޒީރުންނާއި އެމްއެމްއޭގެ ގަވަރުނަރާ އެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ އިހްސާން ވިދާޅުވީ ބޭރު ފައިސާ މާރުކުރުމަށް ހުއްދަ ނަގައިގެން އެކަން ކުރަނީ 63 ފަރާތަކުން ކަމަށެވެ. އެކަމަކު ހުއްދަ ނުނަގާ އެކަން ކުރާ ބަޔަކު އުޅޭ ކަމަށާއި އެފަދަ ހަތް ފަރާތެއްގެ މުއާމަލާތްތައް ބެލިއިރު ފާއިތުވި ނުވަ މަސްދުވަހުގެ ތެރޭގައި 77 މިލިއަން ޑޮލަރު ވިއްކާފައިވާކަން މިހާތަށް އެނގިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ބޭރު ފައިސާ މާރުކުރުމަކީ ހާއްސަ ހުއްދައެއް ނަގައިގެން ނޫނީ ކުރުން މަނާ ކަމެކެވެ. އެހެންވެ މިނިސްޓަރު ވަނީ ހުއްދަ ނެތި އެފަދަ މުއާމަލާތްތައް ނުކުރުމަށް އެދިވަޑައިގެންފަ އެވެ.
"ރާއްޖޭގެ ގާނޫނުގައި މިވަގުތު ބުނާ ގޮތުން [އެފަދަ މުއާމަލާތްތަކަކީ] މަނީ ލޯންޑަރިން. އެހެންވީމާ، އެ ފަރާތްތަކުން މި އެންގޭޖުވަނީ އެނގިގެން ވިޔަސް، ނޭނގި ވިޔަސް، މަނީ ލޯންޑަރިން ހަރަކާތްތަކުގައި،" އިހްސާން ވިދާޅުވި އެވެ.
މިނިސްޓަރު އިހްސާން ވިދާޅުވީ ހުއްދަ ނުނަގާ ބޭރު ފައިސާ މާރުކުރި ފަރާތްތަކަކީ އެއްވެސް ގޮތަކަށް ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިއެއް ކުރާ ބައެއް ނޫން ކަމަށްވާތީ އެފަދަ ވިޔަފާރިތަކަށް ޑޮލަރު ދެނީ ކޮންބައެއްތޯ ބެލި ކަމަށެވެ. މީގެތެރެއިން ފާހަގަވީ ރާއްޖޭގައި ޑޮލަރުން އާމްދަނީ ހޯދާ ފަރާތްތައް އެ މީހުންނަށް އެހީވާކަން ކަމުގައިވެސް ވިދާޅުވި އެެވެ.
"އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަހުރި ރާއްޖޭގެ ނަން މަޝްހޫރު ރިސޯޓުތައް. މީގެތެރެއިން އެއް ފަރާތުން މިދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި ހަތަރު މިލިއަން ޑޮލަރު ކަޅު ބާޒާރުގައި މާރުކޮށްފައި [އެބަހުރި]،" އިހްސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހުއްދަ ނެތް ފަރާތްތަކަށް ބައެއް ރިސޯޓްތަކުން މާރުކޮށްފައިވާ އަދަދުތަކަކީ ބޭރު ފައިސާ އިން އާމްދަނީ ލިބޭ ފަރާތްތަކުން ރާއްޖޭގެ ބޭންކުތަކަށް މާރުކުރަންޖެހޭ 20 ޕަސެންޓަށް ވުރެވެސް މާބޮޑެތި އަދަދުތަކެއްކަން އެނގިފައިވާ ކަމަށެވެ.
އިހްސާން ވިދާޅުވީ އެއްވެސް ފަރާތަކުން ހުއްދަ ނެތް ފަރާތަކާ އެކު ބޭރު ފައިސާ މާރުކުރާނަމަ އެކަން މިއަދުން މިއަދަށް ހުއްޓާލަން ޖެހޭ ކަމަށެވެ. އެހެންނޫނީ އެ ކުރެވެނީ ފިޔަވަޅު އެޅޭނެ ގާނޫނީ ކުށެއްކަން މިނިސްޓަރުކަން ހަނދާންކޮށްދެއްވި އެވެ.




