ކަޅު ބާޒާރުގައި ޑޮލަރު ނުވިއްކޭނޭ، ފިޔަވަޅު އަޅާނަން: ގަވަރުނަރު

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވިއްކަމުންދާ ފަރާތްތައް ފާހަގަކޮށް، އެފަދަ ބައެއް ތަންތަން ބަންދުކޮށްފައިވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ވަޒީރުންގެ މަޖިލީހުގެ ބައެއް ބޭފުޅުންނާ އެކު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ގަވަރުނަރު ވިދާޅުވީ ޑޮލަރުގެ އަގު މަތިވަމުންދާ މައްސަަލަ ހައްލުކުރުމަށް ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އެގޮތުން ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ދީފައިވާ ތަންތަނުން އަމަލުކުރަމުންދާ ގޮތްވެސް ބަލަމުންދާ ކަމަށް ވިދާޅުވި އެވެ. އެފަދަ ބައެއް ތަންތަނުން ގާނޫނާ ގަވައިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ކަމަށް ޝަކުވާ ލިބޭ ކަމަށާއި އެފަދަ އެއް ތަނެއް ބަންދުކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މެދު އިރުމަތީގައި އެމެރިކާއާއި އިރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ އާއި ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު މަދުވެފައިވާ ކަމަށް ތަފާސްހިސާބުތަކާ ހަވާލާދެއްވާ ގަވަރުނަރު ވިދާޅުވި އެވެ. އެކަމަކު ރާއްޖެއަށް ބޭރު ފައިސާ ވަންނަ ނިސްބަތް އެއް ޕަސަންޓް އިތުރުވެފައިވާ ކަމަށް ޔަގީންކޮށްދެއްވި އެވެ.

"މިހެން ހުރި ދަތިތަކާއެކުވެސް ރާއްޖޭގެ ރިޒާވް، ބޭރު ފައިސާގެ ރިޒާވް މަތި ކުރެވޭތޯ މިދަނީ މަސައްކަތްތަކެއް ކުރަމުން،" ގަވަރުނަރު ވިދާޅުވި އެވެ.

ކަޅު ބާޒާރުގައި އާދަޔާ ހިލާފަށް އަގުބޮޑުކޮށް ޑޮލަރު ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ގަވަރުނަރުވެސް އެއްބަސްވެވަޑައިގަތެވެ. އެމައްސަލަ ބޮޑަށް ފާހަގަވެގެން ދިޔައީ ފޮރެކްސް ގާނޫނުގެ ވާހަކަތައް ކަމާގުޅޭ ފަރާތްތަކާއެކު ކުރިއަށް ގެންދިޔަ ދުވަސްވަރު ކަމަށްވެސް ވިދާޅުވި އެވެ.

ގަވަރުނަރު އިތުރަށް ވިދާޅުވީ ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކާތީ ގާނޫނުތަކުގައިވާ ފިޔަވަޅުތައް އަޅައިދިނުމަށް ސަރުކާރާއި ތަންފީޒީ އިދާރާތަކުގައި އެދިފައިވާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *