އުލިގަމު ޔޮޓް މެރީނާ ތަރައްގީކުރަން ބިން ހަވާލުކޮށްފި

ހއ. އުލިގަމުގައި ޒަމާނީ ފެންވަރުގެ ޔޮޓް މެރީނާއެއް ތަރައްގީކޮށް ހިންގުމަށް ބޭނުންވާ ބިން ކުއްޔަށް ހިފުމާ ގުޅޭގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ހއ. އުލިގަން ކައުންސިލާ ދެމެދު ބިން ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ ކެޕްޓަން ހުސައިން ޝަފީގެވެ. އަދި އުލިގަން ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަޞަދުﷲ މުހައްމަދެވެ.

މި އެއްބަސްވުމަކީ ހއ. އުލިގަމުގައި ޔޮޓް މެރީނާއަކާއި އަދި އެއާއި ގުޅުންހުރި އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް ބޭނުންވާ ބިން ހަވާލުކުރުމަށް ވެވުނު އެއްބަސްވުމެކެވެ. މިގޮތުން "އުލިގަން ޔޮޓް މެރީނާ ޕްރޮޖެކްޓް" ތަރައްގީކުރުމަށްޓަކައި، އެ ރަށުން ގާތްގަނޑަކަށް 70،471 އަކަމީޓަރުގެ ބިން އެމްޕީއެލްއަށް ކުއްޔަށް ދިނުމަށް ވަނީ އެއްބަސްވެފަ އެވެ.

އެމްޕީއެލް އިން ބުނީ މި މަޝްރޫއަކީ އުލިގަމަށް އަންނަ ޔޮޓްތަކަށް ދެވޭ ހިދުމަތްތައް ފުޅާކޮށް، ފަތުރުވެރިކަމާއި، ވިޔަފާރީގެ ހަރަކާތްތައް އިތުރުކޮށް، އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދައިދިނުމަށް އަމާޒުކޮށްގެން ހިންގާ މުހިއްމު މަޝްރޫއެއް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ޔޮޓް މެރީނާގައި ޒަމާނީ ފެންވަރުގެ ގިނަގުނަ ވަސީލަތްތަކާއި ހިދުމަތްތައް ގާއިމުކުރުމަށް ވަނީ ރޭވިފަ އެވެ. އަދި އެހެނިހެން އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.

މި މަޝްރޫއާއެކު ރާއްޖޭގެ އެންމެ އުތުރުގެ ސަރަހައްދުގައި މެރިޓައިމް އިގުތިސާދު އިތުރަށް ފުޅާވެ، ފަތުރުވެރިކަމާއި އަދި ސަރަހައްދީ ވިޔަފާރިއަށް އިންގިލާބީ ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް އެމްޕީއެލް އިން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *