ތިލަފުށި ބަނދަރަކީ ދިވެހީންގެ މިލްކެއް: ސައީދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތިލަފުށީގައި ތަރައްގީކުރަމުންދާ ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރަކީ ދިވެހިންގެ 100 އިންސައްތަ މިލްކެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ތިލަފުށީގައި ތަރައްގީކުރާ ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރާ މިނިސްޓަރު ސައީދު ވާހަކަދައްކަވާފައި މިވަނީ ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.

ރައީސް ޔާމީން ވިދާޅުވީ އިންޑިއާގެ ކުންފުންޏަކަށް ތިލަފުށީ ޕޯޓް ވިއްކާލާފައިވާ ކަމަށެވެ. އަދި މިސަރުކާރުގެ އެ އަމަލަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ވިއްކާލުން ފަދަ ކަމެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ އެފަދަ މުހިއްމު ބަނދަރުތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމަކީ ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާނެ ކަމެއް ކަމަށެވެ. އެފަދަ ކަންކަމުގެ ސަބަބުން ތިލަފުށި ޕޯޓު މެދުވެރިކޮށް އިންޑިއާއިން ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި ކުރިއަށް އޮތް ދުވަސްތަކުގައި އެތެރެވުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

އިންޑިއާގެ އަތް ދަށަށް ތިލަފުށި ބަނދަރު ދިއުމުން ދިވެހީންގެ ބަދަލުގައި އެތަނުގެ ވަޒީފާތައް ލިބޭނީ މައިގަނޑު ގޮތެއްގައި އިންޑިއާ މީހުންނަށް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ. އެކަމަކު އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފިނަމަ އެގޮތަށް ވިއްކާލާ ތަންތަން އަތުލާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.

"އަދި އެކަމުގައި ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭނަމަ އެކަންވެސް ކުރާނަން،" ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ރައްދުދެއްވަމުން ސޯޝަލްމީޑިއާގައި މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އަމަލީ މަސައްކަތް ފަށައި، ނިންމާނެ އަދި ދިވެހިންނަށް އެންމެ ބޮޑު ފައިދާއެއް ލިބޭނެ މަޝްރޫއަކަށް ވާނީ ތިލަފުށީގައި ތަރައްގީކުރަމުންދާ ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރު ކަމަށެވެ. އެ ހަގީގަތް ދެކެން ނުކުޅެދޭނަމަ ތިލަފުށީ ބަނދަރާ ގުޅޭގޮތުން ދޮގު މައުލޫމާތު ނުފެތުރުމަށްވެސް ސައީދު އެދިވަޑައިގެންނެވި އެވެ. އިލްތިމާސްކުރައްވާ ކަމަށެވެ.

"ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ރައީސް ޑރ. މުއިއްޒު ބިނާކޮށްދެއްވާނީ ދިވެހިންގެ ފުރިހަމަ މިލްކުވެރިކަން އޮތް، މި ގައުމުގެ އެންމެ އަގުހުރި އެއް ހަރުމުދަލުގެ ގޮތުގައި. އެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެން،" ސައީދު ވިދާޅުވި އެވެ.

ތިލަފުށީގައި ތަރައްގީކުރަމުންދާ ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރުގެ މައިގަނޑު މަސައްކަތްތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިންމުމަށް ރައީސް މުއިއްޒު ވަނީ އަންގަވާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *