ދިވެހިންނަށް ހާއްސަކުރި ވިޔަފާރީގެ ދާއިރާތަކުގައި ހަރަކާތްތެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ބޭރުގެ 28 ކުންފުންޏެއް އުވާލައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން އެ ކުންފުނިތައް އުވާލީ ރަޖިސްޓްރާ އޮފް ކޮމްޕެނީސްއަށް ލިބޭ ބާރުގެ ތެރެއިން ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ހަދާފައިވާ ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއާމެންޓްސް އުސޫލުގެ ދަށުންނެވެ. ކުންފުނިތައް އުވާލީ ގާނޫނުގައި ބަޔާންކުރާ އިޖުރާއާތުތައް ފުރިހަމަ ކުރުމަށްފަހު ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ދިވެހިންނަށް އަލަށް ހާއްސަކުރި ވިޔަފާރިތަކުގައި އިންވެސްޓްކޮށްފައިވާ ބޭރުގެ ފަރާތްތަކަށް ގެއްލުން ނުވާ ގޮތަށް ހުއްދަ އޮންނަ އެހެން ދާއިރާތަކަށް ބަދަލުވުމަށް އެކަށީގެންވާ މުއްދަތެއް ދީފައިވާނެ ކަމަށެވެ.
ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއާމެންޓްސް އުސޫލުގެ މަގުސަދަކީ ދިވެހިންގެ ހުނަރާއި ގާބިލްކަން އިތުރުވާ ދައިރާތަކުގައި ދިވެހިންނަށް އިސްކަންދީ، ބޭރުގެ ތަޖުރިބާއާއި ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވާ ދާއިރާތަކުން ބޭރުގެ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމެވެ.
މިއުސޫލުގައި ބައެއް ދާއިރާތަކުގައި ދިވެހި ހިއްސާދާރަކާއެކު ޖޮއިންޓް ވެންޗާ އުސޫލުން ނޫން ގޮތަކަށް ބޭރުގެ ފަރާތްތަކަށް ވިޔަފާރި ނުކުރެވޭ ގޮތަށްވެސް ކަންތައްތަކެއް ހިމަނާފައިވެ އެވެ.
އާ އުސޫލުގައި ބޭރުގެ ފަރާތްތަކަށް ވިޔަފާރި ހަނިކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިއާއި ލޮޖިސްޓިކްސް، އާންމު ކަނޑު ދަތުރުފަތުރުގެ ހިދުމަތް އަދި ބަންކަރިން ހިދުމަތް ހިމެނެ އެވެ. އަދި 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫއުތަކާއި 100 މިލިއަން ޑޮލަރުން ދަށުގެ ރިއަލް އެސްޓޭޓް މަޝްރޫއުތައްވެސް މިހާރު ވަނީ ދިވެހިންނަށް ހާއްސަކޮށްފަ އެވެ.




