ދިރާގާއި ސީޑް އިނީޝިއޭޓިވް ގުޅިގެން ކަނޑުފަޅުގެ ހޭލުންތެރިކަން އިތުރުކުރަނީ

ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ކަނޑުފަޅުގެ ދިރުންތަކަށް އޮންނަ ހޭލުންތެރިކަން އިތުރުކޮށް، "އޯޝަން ލިޓްރެސީ" އަށް ބާރު އެޅުމުގެ މަގުސަދުގައި، ދިރާގުން ސީޑް އިނީޝިއޭޓިވްއާ ގުޅިގެން މަސައްކަތްކުރުމަށް ނިންމައިފި އެވެ.

ސައިންސް، އެކްސްޕްލޯ، އެކްޓް އެންޑް ޑިސްކަވާ — ސީޑް އިނީޝިއޭޓިވް އަކީ، ތިމާވެށީގެ ދާއިރާއިން ތައުލީމާއި އަމަލީ ތަޖުރިބާ ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.

މިގޮތުން ސިޓިޒެން ސައިންސްގެ ޒަރީއާއިން ކަނޑުގެ މައުލޫމާތު އެއްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމަށާއި ގުދުރަތީ ވެށި ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ކަނޑުފަޅުތަކާ ގުޅުންހުރި މުހިންމު ހަރަކާތްތައް ހިންގުމަށް ހާއްސަ އިސްކަމެއް ދެއެވެ.

ސީޑް އިނީޝީއޭޓިވްގެ ހުޅުމާލެ އާބަން ހަބަށާއި އެކި ރަށްރަށުގައި ހިންގާ ހަރަކާތްތަކަށް ދިރާގުން ކަނެކްޓިވިޓީގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ދެ ފަރާތް ގުޅިގެން ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށާއި ކަނޑުފަޅުތައް ރައްކާތެރިކުރުމުގެ މުހިންމުކަމަށް ސަމާލުކަން އިތުރުކުރުމަށް މަސައްކަތް ކުރާނެ އެވެ.

މީގެ އިތުރުން ސީޑް އިނީޝިއޭޓިވްގެ ދަށުން "އިކޯ ގާޑިއަން" ޕްރޮގްރާމްގައި ހުޅުމާލެ، ކ. ކާށިދޫ އަދި ބ. ގޮއިދޫގައި ކަނޑުފަޅުތަކާއި ބެހޭ ހާއްސަ ސެޝަންތަކާއި މޫދުގައި ހިންގާ އަމަލީ ހަރަކާތްތައް ހިމެނެ އެވެ. ދާއިރާގެ މާހިރުންނާއި މެރިން ބައިއޮލޮޖިސްޓުންގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި ހަރަކާތްތައް މެދުވެރިކޮށް ކަނޑުގެ ދިރުންތަކުގެ ނިޒާމާއި، މޫދުވިނަ އާއި ޗަސްބިންތަކާއި، ދެމެހެއްޓެނިވި އުސޫލުތަކުގެ އިތުރުން އީކޯސިސްޓަމް އާލާކުރުން ފަދަ ދާއިރާތަކުން މައުލޫމާތު ދެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް، ކަނޑުފަޅުގެ މާހައުލާ ބެހޭގޮތުން ހޭލުންތެރިވުމަކީ ނުހަނު މުހިންމު ކަމެއްކަން ފާހަގަކޮށް ދިރާގުން ބުނީ ކަނޑުތަކަކީ ދިވެހިންގެ ދިރިއުޅުމާއި، މުޖުތަމައުތަކާއި އަދި މުސްތަގުބަލާ ނުހަނު ބޮޑަށް ގުޅިލާމެހިފައިވާ ވަސީލަތެއް ކަމަށެވެ.

ޒުވާނުންނަށް ކަނޑުފަޅުގެ މާހައުލާ ބެހޭ މައުލޫމާތު އުނގަންނައިދީ، އަމަލީ ގޮތުން އެ މާހައުލު ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ، ކަނޑުތަކާ މެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

ދިރާގުން ދަނީ ތިމާވެށި ހިމާޔަތްކުރުމަށާއި، ކަނޑުފަޅުތައް ރައްކާތެރިކުރުމަށް މުޖުތަމައު ހޭލުންތެރިކުރުވައި، ބާރުވެރިކުރުމަށް ހާއްސަ އިސްމަކެއް ދެމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *