ބޯހިޔާވަހިކަމުގެ ވައުދު ފުއްދަވާނީ ހަމައެކަނި އިމާރާތްކުރާ ފްލެޓްތަކުން ނޫން ކަމަށާއި ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތައްވެސް އޭގެތެރޭގައި ހިމެނޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ 2028 ވަނަ އަހަރުގެ މެދަކާ ހިސާބަށް ދާއިރު ގިނަ ރައްޔިތުންތަކަކަށް ބޯހިޔާވަހިކަން ކަށަވަރުވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ރައީސް ވިދާޅުވީ ހިނގަމުންދާ ސަރުކާރެއްގެ ދައުރުގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ފަށައި، އެ ދައުރުގެ ތެރޭގައި އެ ތަންތަނުގައި ދިރިއުޅުން ފެށުމުގެ ފުރުސަތަކީ މީގެކުރިން ދެވުނު ފުރުސަތެއް ނޫން ކަމަށެވެ. ނަމަވެސް މިއަދުގެ ސަރުކާރުން ބާރު ދުވެލީގައި ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތައް އެކި މަރުހަލާތަކުގައި ހިނގަމުންދާއިރު މި ދައުރުގެ ތެރޭގައި ގިނަ ރައްޔިތުންތަކަކަށް އެ އިމާރާތްތަކުގައި ދިރިއުޅެން ފެށޭނެ ކަމުގެ އުއްމީދު ބޮޑު ކަމުގައި ވިދާޅުވި އެވެ.
"ބޯހިޔާވަހިކަމުގެ ވަރަށް ގިނަ މަޝްރޫއުތައް ފެށިފައިވާތީ އެ އުއްމީދު އެބައޮތް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ ވައުދު ފުއްދަވަން ނިންމަވާފައިވަނީ ފްލެޓް އެޅުމާއެކު، ލުއިފަސޭހަ ގޮތުގައި ލޯނު އެހީއާއި މާލީ އެހެނިހެން އެހީތައްވެސް ފަހިކޮށްދީގެން ކަމަށެވެ.
"މިކަމާ ގުޅުންހުރި އިތުރު ތަފްސީލްތައް ހާމަކުރަމުން ގެންދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ މާލޭ ސަރަހައްދުގައި އަދުގެ ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމާ ގުޅުންހުރި ބިންހިއްކުމުގެ ބޮޑެތި މަޝްރޫއުތަކުގެ ބައެއް މައުލޫމާތުވެސް ހިއްސާކުރައްވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ ރަސްމާލެއާއި ގިރާވަރުފަޅު މިއަހަރުގެ ނިޔަލަށް ހިއްކާ ނިންމުމަށްޓަކައި ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ.




