ރިޔާސީ ޕްރައިމަރީގައި އިބޫ ވާދަކުރަންޖެހޭ ސަބަބެއް ނެތް: ނަޝީދު

އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވާދަކުރަންޖެހޭ ސަބަބެއް އެއްގޮތަކަށްވެސް ވިސްނިވަޑައިނުގަންނަވާ ކަމުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސަން ސިޔާމުގެ އެސްއެސްޓީވީގައި ރޭ ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހް ވާދަކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ރައީސް ސޯލިހް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އެމަނިކުފާނުގެ އަރިސް ބޭފުޅުން ވިދާޅުވަމުން ގެންދެވި ނަމަވެސް ރައީސް ސޯލިހް އަދި އެކަމުގައި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހް ވާދަކުރައްވާ ކަމަށްވާނަމަ ރައީސް ނަޝީދު ފަހު ވަގުތު ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށްވެސް ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާންކޮށްފައިވާ އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ އިތުރުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު އެވެ.

ރައީސް ނަޝީދު ވަނީ ފައްޔާޒަށް ތާއީދުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި ފައްޔާޒަށް ޓިކެޓް ލިބިވަޑައިނުގެންފިނަމަ ޕްރައިމަރީ ކާމިޔާބު ކުރައްވާ ކެންޑިޑޭޓަކާ އެކު ހުންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑު އެ ކެންޑިޑޭޓަކާ އެކީ ގޮސް އެމްޑީޕީއަށް ސަރުކާރު ހޯދައި ދެވެންދެން އަޅުގަނޑު މި މަސައްކަތް ކުރާނަން،" ނަޝީދު ވިދާޅުވި އެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ބައެއް ބޭފުޅުން ޝައުގުވެރިވެވަޑައިގެންނެވި ނަމަވެސް ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހް އެ ޕާޓީން އަދި އިއުލާންކޮށްފައެއް ނުވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *