ރާއްޖޭގައި 2،000 އަށްވުރެ ގިނަ ދަރިވަރުން ޤުރްއާން ހިތު ދަސްކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް ވިދާޅުވީ ރާއްޖޭގެ ހާފިޒުން އިތުރުވުމަކީ އުފާވެރި ކަމެއް ކަމަށާއި ވަކިން ހާއްސަކޮށް ޒުވާނުން ޤުރްއާން ހިތުދަސްކުރުމަކީ ރާއްޖޭގެ އިސްލާމީ މުސްތަގުބަލު އުޖާލާކޮށްދޭނެ ކަމެއް ކަމަށެވެ.
މި ވަގުތާ ހަމައަށް ރާއްޖޭގެ ހާފިޒުންގެ އަދަދު 322 އަށް އަރާފައިވާކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ ހާފިޒުން އިތުރުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތެއް ދޭ ކަމަށާއި އަމާޒުކަމަކީ މި ދައުރުގެ ތެރޭގައި ހާފިޒުންގެ އަދަދު 500 އަށް އެރުވުން ކަމަށެވެ.
"ރައީސް ޑރ. މުއިއްޒު ހާފިޒުންނަށް ހިއްވަރު ދިނުމުގެ ގޮތުން ހާފިޒުންނަށް ދައުލަތުން ދޭ އިނާޔަތް އިތުރުކުރައްވާފައިވޭ. ޤުރްއާން ހިތުދަސްކުރުމުގެ މަޝްރޫއުތައްވަނީ ފުޅާކޮށްފަ،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި އެންމެ ގިނަ ދަރިވަރުން ދަސްކުރަމުންދަނީ ޤުރުއާނާ ބެހޭ މަރުކަޒުގައާއި އިލްމު އިންސްޓިޓިއުޓްގަ އެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ޤުރުއާނުގެ އިލްމު ފުޅާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން މިހާރު 30 ރަށެއްގައި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ރަޖިސްޓްރީކޮށް އަމަލީ ގޮތުން ހިންގަން ފަށާފައިވާއިރު އިތުރު 20 ތަނެއް ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޝަހީމް ވިދާޅުވި އެވެ. މީގެ އިތުރު 38 ތަނެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ތެރޭ ހުރިހާ ރަށަކަށް މި މަޝްރޫއު ގެންދިއުން ކަމަށް ޝަހީމް ވިދާޅުވި އެވެ.




