ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް އެއްވަގުތެއްގައި އެންމެ ގިނަ މީހުން ސްނޯކްލިންގް ހެދުމުގެ ދުނިޔޭގެ ރެކޯޑް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގާއިމްކޮށްފި އެވެ.
ނިވަ ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ މި ހަރަކާތުގައި 314 މީހުން ބައިވެރިވި އެވެ.
ތިމާވެށި ރައްކާތެރިކުރުމުގެ މި މަސައްކަތަކީ އެންމެން ގުޅިގެން ހިންގުނު މުހިންމު ހަރަކާތެއްކަން ފާހަގަކޮށް ބީއެމްއެލް އިން ބުނީ އެ ބޭންކްގެ އަމާޒަކީ ރާއްޖޭގެ ދިރިއުޅުމާއި އިގްތިސާދު ބަރޯސާވެފައިވާ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގެ މުހިންމުކަން ހާމަކޮށްދިނުމާއި، މިފަދަ ގައުމީ މަސައްކަތްތަކުގައި ވަކިވަކި ފަރުދުންނާއި މުޖުތަމައު އަމަލީގޮތުން ބައިވެރިވުމަށް ހިތްވަރު ދިނުން ކަމަށެވެ.
މި ހަރަކާތުގައި ބީއެމްއެލްގެ މުވައްޒަފުންނާއި، ނިވަ ކުރުނބާ މޯލްޑިވްސްގެ މެނޭޖްމަންޓާއި މުވައްޒަފުން އަދި އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިން ބައިވެރިވި އެވެ.
ކަނޑައެޅިފައިވާ މިންގަނޑުތައް ކަށަވަރުކުރުމަށްފަހު، ގިނިސް ވޯލްޑް ރެކޯޑުގެ ރަސްމީ ސެޓްފިކެޓް ހަވާލުކޮށްފައިވަނީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި، ނިވަ ކުރުނބާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު މޯޓެން ޖޫނިއާ އެވެ.
މި ހަރަކާތަކީ ތިމާވެށި ހިމާޔަތްކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އީއެންވީ ޕީއޯއެސް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ ކަމެއް ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.
މިއީ ބީއެމްއެލްގެ ޕީއޯއެސް މެޝިންތަކުން ކުރާ ކޮންމެ މުއާމަލާތަކުން ލިބޭ އާމްދަނީގެ ބައެއް، ތިމާވެށީގެ އެކި މަޝްރޫއުތަކަށް ހޭދަކުރުމަށް އެކުލަވައިލާފައިވާ ނިޒާމެކެވެ. މި ނިޒާމުގެ ދަށުން ބީއެމްއެލް އިން އަންނަނީ "ޕާލޭ މޯލްޑިވްސް" އަދި "މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް" (މޯޕާ) ފަދަ ޖަމްއިއްޔާތަކާ ގުޅިގެން، ކަނޑުތަކަށް އެޅޭ ޕްލާސްޓިކް ކުނި ރީސައިކަލްކުރުމަށް ބޭރު ގައުމުތަކަށް ފޮނުވުމަށާއި، އަންނަން އޮތް ޖީލުތަކަށްޓަކައި ރާއްޖޭގެ ވެށްޓާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މި ޝަރަފުވެރި ކާމިޔާބީން ދައްކުވައިދެނީ ދެމެހެއްޓެނިވި ތަރައްގީއަށާއި މުޖުތަމައުގެ ލާބައަށް އެ ބޭންކުން ދޭ ހާއްސަ އަހުމިއްޔަތުކަމެވެ. އަދި މިއީ ތިމާވެށި ހިމާޔަތްކުރުމުގައި އެންމެންގެ ބައިވެރިވުމާއި ޒިންމާދާރުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.




