ފޯޅަވަހި ހޯދުމަށް އިނގިރޭސި ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށް ރައީސް މުއިއްޒު ހުށަހަޅުއްވައިފި

ފޯޅަވަހި ޖަޒީރާތަކުގެ ސިޔާދަތީ ބާރު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްޓަކައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބާންހަމްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ދައުވަތު ފޮނުއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އިނގިރޭސި ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށް ރައީސް މުއިއްޒު ބޭނުންފުޅުވަނީ ފޯޅަވަހި ޖަޒީރާތަކުގެ ސިޔާދަތީ ބާރު ހޯދުމަށާއި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ކަމަށެވެ.

ރައީސް މުއިއްޒުގެ ސިޓީފުޅުގައި ފޯޅަވަހި ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން ދިވެހިރާއްޖޭ ކަންބޮޑުވާ މައްސަލަތައް ވަނީ ހިއްސާކުރައްވާފަ އެވެ. އެގޮތުން ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއްކަމުގައި ތާރީޚީ ގޮތުންވެސް ފެންނާން އޮތްކަމާއި އަދި ޖިއޮގްރަފީ ގޮތުންވެސް ފޯޅަވައްސަކީ ދިވެހިރާއްޖެއާ މާގާތުގައި އޮތް ރަށްތަކެއް ކަމުގައި ފާހަގަކުރައްވާ، ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރުމަށް މަސައްކަތް ކުރައްވާތީ ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.

މީގެއިތުރުން ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރާ ހާލު، ފޯޅަވައްސާ ގުޅުންހުރި ކަންކަމުގައި އިނގިރޭސިވިލާތާއެކު އިތުބާރު ހުރި އަދި ބިނާކުރަނިވި ގުޅުންތަކެއް ދެމެހެއްޓުމަށް ރާއްޖެއިން ދޭ އިސްކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓފުޅުގައި އިތުރަށް ފާހަގަކުރެއްވި އެވެ.

ރައީސްގެ ސިޓީފުޅުގައި ފޯޅަވަހި ޖަޒީރާތަކުގެ ސިޔާދަތީ ބާރާ ގުޅޭގޮތުން އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު މާނަވީ މަޝްވަރާތަކެއް ބޭއްވުމަކީ މުހިއްމު ކަމެއް ކަމުގައިވެސް ތަކުރާރުކުރައްވާފައިވެ އެވެ.

ދުނިޔޭގެ މަސްރަހު ނުތަނަވަސްވެފައިވާ މިފަދަ ވަގުތެއްގައި ދެ ގައުމުގެ ދެމެދުގައި އާލާވާ ގުޅުންތަކުގެ ސަބަބުން އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސަލާމަތަށް ހެޔޮބަދަލުތަކެއް އަންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ރައީސްގެ ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ.

ފޯޅަވަހީގެ ބައެއް ޖަޒީރާތައް އިނގިރޭސިވިލާތުން އެމެރިކާއަށް ކުއްޔަށް ދީފައިވާތީ އެ ޖަޒީރާތަކުގެ ބާރުވެރިކަން ކޮންޓްރޯލްކޮށް އެމެރިކާ އިން ގެންދަނީ އެތަނުގައި އަސްކަރީ ބޭސްއެއް ހިންގަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *