ލައިސަންސް ނެތް ބައެއްގެ އަތުން ބޭރުފައިސާ މާރުނުކުރަން އަންގައިފި

ބޭރުފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސް ނެތް ބަޔަކާ އެކު ބޭރުފައިސާ މާރުކުރުމުގެ އެއްވެސް މުއާމަލާތެއް ނުކުރުމަށް މަރުކަޒީ ބޭންކް — އެމްއެމްއޭ އިން އިލްތިމާސްކޮށްފި އެވެ.

އެމްއެމްއޭ އިން މިކަމަށް އިލްތިމާސްކޮށްފައި މިވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ގާއިމުކުރި ހޮޓްލައިނަށް މިހާތަނަށް 65 ފަރާތެއްގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ ފުލުހުން އެ މައްސަލަތައް ބަލަމުންދާ ކަމަށް ހާމަކޮށްފައި ވަނިކޮށެވެ.

އެމްއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ބޭރުފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަންވާނީ އެ އޮތޯރިޓީން ދޫކުރާ ލައިސަންސެއް އޮވެގެން ކަމަށް ބޭރު ފައިސާއާބެހޭ ގާނޫނު އަދި މަނީ ޗޭޖިން ވިޔަފާރިއާ ބެހޭ ގަވާއިދުގައި ސާފުކޮށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ލައިސަންސް ނެތި ބޭރުފައިސާ މާރުކުރުމުގެ މުއާމަލާތްތައް ކުރަމުންދާކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

"މިކަމަކީ ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން ކުށެއް ކަމަށްވާތީ އެއްވެސް ފަރާތަކުން މިއޮތޯރިޓީގެ ލައިސަންސް ނެތި ބޭރުފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކާއެކު މިފަދަ މުއާމަލާތް ނުކުރުމަށް އިލްތިމާސްކުރަމެވެ،" އެމްއެމްއޭގެ ބަޔާނުގައިވެ އެވެ.

މަރުކަޒީ ބޭންކުން ބުނީ ރާއްޖޭގައި ބޭރުފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ލިސްޓް އެ އޮތޯރިޓީގެ ވެބްސައިޓްގައި އަޕްޑޭޓްކޮށްފައިވާނެ ކަމަށެވެ. މިއަދުގެ ނިޔަލަށް ލައިސަންސް ދޫކޮށްފައިވަނީ 59 ފަރާތަކަށް ކަމަށްވެސް ބުންޏެވެ.

"އެހެންކަމުން އެއްވެސް ފަރާތަކުން ބޭރުފައިސާ މާރުކުރުމުގެ މުއާމަލާތެއް ބޭންކެއް ފިޔަވާ އެހެން ފަރާތަކާއިއެކު ކުރާނަމަ، އެ މުއާމަލާތް ކުރެވެނީ ބޭރުފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކާއެކު ކަން ކަށަވަރުކޮށް، ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އެކަންކަން ކުރުމަށް އިލްތިމާސްކުރަމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *