އެމްޑީޕީގެ ކޮންގްރެސް އޮކްޓޯބަރު އެކަކުން ތިނަކަށް މާލޭގައި

އެމްޑީޕީގެ ކޮންގްރެސް ކުރިއަށް އޮތް އޮކްޓޯބަރު މަހުގެ އެކަކުން ތިނަކަށް މާލޭގައި ބޭއްވުމަށް ނިންމައިފި އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން މުހައްމަދު ޝިފާޒު ވިދާޅުވީ އެ ޕާޓީއިން ކޮންގްރެސް ބޭއްވުމަށް ނިންމީ މާލޭ ސިޓީ ކައުންސިލްގެ ހޯލުގައި ކަމަށެވެ.

ޝިފާޒު ވިދާޅުވީ އެމްޑީޕީގެ ކުރިއަށް އޮތް ކޮންގްރެސްގެ މަންދޫބުން ކަނޑައެޅުމާއި ކޮންގްރެސްގެ މުޅި ވަފްދު ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ހާމަކުރާނެ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވާ ހުރިހާ މަންދޫބުންނަށް ވަދެވޭވަރުގެ އެއްވެސް ތަނެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނުދިން ކަމަށެވެ. ސަރުކާރުން އެގޮތަށް އަމަލުކުރުމުން އެ މައްސަލަ އިލެކްޝަންސް ކޮމިޝަންގެ ސަމާލުކަމަށް ގެނައި ކަމަަށްވެސް ވިދާޅުވި އެވެ.

"މާލޭގައި އަޅުގަނޑުމެންނަށް އެވަރުގެ ތަނެއް ނުލިބޭ ދެން ކިރިޔާވެސް މިވަރުގެ ކަމެއް ކުރެވެން އޮތީ ސިޓީ ކައުންސިލްގެ ގޯތިތެރޭގައި. އަޅުގަނޑުމެންގެ ކޮންގްރެސްއަކީ އަބަދުވެސް 1000 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާ ކޮންގްރެސްއެއް،" އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންގްރެސްގައި ބައިވެރިވެވޭނެ އޮންލައިންކޮށް ރަޖިސްޓާކޮށްގެން ކަމަށާއި އެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހު ހުޅުވާލާނެ ކަމަށެވެ. އަދި ކޮންގްރެސްގައި ބައިވެރިވާ ފަރާތްތަކަށް މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން ފާސްދޫކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި ޝިފާޒު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ކޮންގްރެސްގެ އެއް ސެޝަން ހާއްސަކުރާނީ ކައުންސިލްތަކުން ކުރިއަށް ގެންދަން ބޭނުންވާ ޕްރޮޖެކްޓްތަކަށް ފައިނޭންސް ހޯދުމަށްޓަކައި އިންވެސްޓްމަންޓް ފޯރަމެއް ބޭއްވުމަށް ކަމަށެވެ. ގައުމަށް ލިބޭ އާމްދަނީ ދެގުނަ ކުރުމަކީ އެމްޑީޕީގެ އަމާޒެއް ކަމަށާއި ފޯރަމުގެ ތެރެއިން އެކަމަށް މަގުފަހިވާނެ ކަންކަން އެނގިގެންދާނެ ކަމަށްވެސް ވިދާުޅުވި އެވެ.

ކޮންގްރެސްގެ ޝިއާރެއްގެ ގޮތުގައިވެސް މި ގެންގުޅެނީ ރަށްވެހި އުފެއްދުން،" ޝިފާޒު ވިދާޅުވި އެވެ.

އާންމުކޮށް ހުޅުވާލައިގެން ބާއްވާ މިފޯރަމުގައި ލޯކަލް ކައުންސިލްތަކުން ހުށަހަޅާ 100 އަށް ވުރެ ގިނަ ޕްރޮޖެކްޓަށް މަޝްވަރާކުރެވޭނެ ކަމަށް ބެލެވޭ ކަމަށްވެސް ޝިފާޒު ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *