ބޭރު ފައިސާއާ ބެހޭ ދެ ގަވާއިދެއް އިސްލާހުކޮށް އަމަލުކުރަން ފަށައިފި

ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ދެ ގަވާއިދެއް އިސްލާހުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު އަމަލުކުރަން ފަށައިފި އެވެ.

އެމްއެމްއޭ އިން މިއަދު ނެރެފައިވާ ދެ ގަވާއިދަކީ ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރުމުގެ ގަވާއިދާއި ބޭރު ފައިސާއާ ބެހޭ އާންމު ގަވާއިދެވެ.

ރަޖިސްޓަރީކުރުމާ ގުޅޭ ގަވާއިދުގައިވާ ގޮތުން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއި މާލީ އިދާރާތައް ފިޔަވައި މީލާދީ އަހަރެއްގެ ތެރޭގައި 25 މިލިއަން ޑޮލަރުގެ އަދަދެއްގެ މުދާ ވިއްކައި ނުވަތަ ޚިދުމަތް ފޯރުކޮށްދީގެން ލިބޭނަމަ އެ ވިޔަފާރިއަކުން އެމްއެމްއޭގައި ރަޖިސްޓަރީ ކުރަންޖެހެ އެވެ.

ބޭރު ފައިސާއާ ބެހޭ އާންމު ގަވާއިދުގައި ބޭރު ފައިސާއިން މުއާމަލާތް ކުރެވޭނެ ހާލަތްތަކާއި، އެކަންކަމަށް އެމްއެމްއޭގެ ހުއްދަ ހޯދުމުގައި އަމަލުކުރަންޖެހޭ ގޮތްތައް ބަޔާންކޮށްފައިވެ އެވެ. އެގޮތުން ކޮންމެ އަހަރެއް ފެށުމުގެ 30 ދުވަސް ކުރިން، ބޭރު ފައިސާއިން އަދާކުރުމަށް ބަޖެޓްކޮށްފައިވާ ހަރަދު އެމްއެމްއޭއަށް ހުށަހަޅަންޖެހެ އެވެ.

މީގެ އިތުރުން މާރުކުރަންޖެހޭ އަދަދު މުރާޖައާކޮށްދިނުމާއި ޖަމާކުރުމާއި މާރުކުރުމުގެ އިލްތިޒާމްތަކާ ގުޅިގެން ލުއި ހޯދުމަށް ހުށަހަޅާނެ ގޮތްތައްވެސް ގަވައިދުގައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *