އިންޖިނޭރުންގެ އަގުވަޒަންކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ދެއްވާ "އިންޖިނިއާސް އެވޯޑް 2026″ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށް ދެއްވައިފި އެވެ.
މި ރަސްމިއްޔާތު އޮތީ ރޭ ބާސެލޯ ނަސަންދުރާގަ އެވެ.
މި އަހަރުގެ އިންޖިނިއަރުންގެ އެވޯޑު 10 ގިންތިއަކުން ދިނުމަށް ހައުސިން މިނިސްޓްރީން ހުޅުވާލިއިރު ރޭގެ ހަފުލާގައި ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް، އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑް، ޔަންގް އިންޖިނިއާ އެވޯޑް، ސްޓޫޑެންޓް އިނޮވޭޓާ އެވޯޑް، ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް އަދި ވިމެން އިން އިންޖިނިއަރިން އެވޯޑް އަރުވާފައިވެ އެވެ.
މީގެ އިތުރުން، ރޭ އެރުވި އެވޯޑްތަކުގެ ތެރޭގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި އިންޖިނިއާ އޮފް ދަ އިޔާ އެވޯޑްވެސް ހިމެނެ އެވެ. މި އެވޯޑްތައް އެރުވީ ރައީސުލްޖުމްހޫރިއްޔާ އެވެ.
މި އެވޯޑު ހަފުލާގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ތިން ބޭފުޅަކަށް އެރުވިއިރު، މީގެ ތެރެއިން ދެ ބޭފުޅަކަށް އެވޯޑް އަރުވާފައިވަނީ އެ ބޭފުޅުންގެ ހަނދާނަށެވެ. އެ ގޮތުން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަރުވާފައިވަނީ އަބްދުއްޝަކޫރު ސާލިހް، އަލްމަރުހޫމް އަހުމަދު މަހުރީން އަދި އަލްމަރުހޫމް މުހައްމަދު ރަޝީދަށެވެ.
ރޭގެ ހަފުލާގައި އިންޖިނިއާ އޮފް ދަ އިޔާ އެވޯޑް ހާސިލުކުރެއްވީ ޑރ. ފުރުގާން އިބްރާހީމް އެވެ.
އިންޖިނޭރުން ގައުމަށް ކޮށްދެއްވާ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން، ގައުމީ ފެންވަރުގައި އިންޖިނޭރުންގެ އެވޯޑެއް ސަރުކާރުން ދެއްވަން ފައްޓަވާނެކަމުގައި ރައީސް އިއުލާނު ކުރެއްވީ ރާއްޖޭގައި ގައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރި އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި މިދިޔަ އަހަރުގެ އޮގަސްޓް 30 ވަނަ ދުވަހު ފޮނުއްވި ހިތާބުގަ އެވެ.




