ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތް ރަސްމީކޮށް ފަށައިފި އެވެ.
މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެެއްގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފް އެވެ.
މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނާއި ކީރިތި ޤުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ އިސްވެރިންވެސް ބައިވެރިވި އެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތަކީ، މުބާރާތުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެއުމަށްފަހު ބޭއްވޭ މުބަރާތެކެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ އޮޑިޝަން ބުރު މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ 20 ސަރަހައްދެއްގައި ވަނީ ބާއްވާފަ އެވެ.
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު ސެމީ ފައިނަލް ބުރަށް 379 ދަރިވަރުން ވަނީ ހޮވިފަ އެވެ.
މުބާރާތުގެ ސެމީ ފައިނަލް ބުރުގެ ކިޔެވުން ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފައިނަލް ބުރުގެ ކިޔެވުން ކުރިއަށްދާނީ މިމަހުގެ 16 އިން 17 އަށެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ފެންވަރު ރަނގަޅުކޮށް ފާހަގަކޮށްލެވޭ މުބާރާތަކަށް ހެދުމަކީ ރައީސުލްޖުމުހޫރިއްްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ ކަމެއް ކަމަށް ސަރުކާރުން ބުނެ އެވެ.




