ރައީސް ޑރ. މުޢިއްޒުގެ މަސައްކަތްޕުޅާއެކު، ބޭރަށް ބަރޯސާނުވެ ޤައުމު ބެލެހެއްޓުމުގެ ބާރު ދިވެހި ސިފައިންނަށް ލިބޭނެ: ޗީފް ޖެނެރަލް ޙިލްމީ

ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށް ރައީސް މުޢިއްޒު ކުރައްވާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށާ ރައީސްގެ މަސައްކަތްޕުޅާއިއެކު ރާއްޖެ ބެލެހެއްޓުމުގެ އަމިއްލަ ބާރު ސިފައިންނަށް ލިބޭނެ ކަމުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ.

ޙިލްމީ މިހެން ވިދާޅުވީ، 133 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ، ރައީސުލްޖުމްހޫރުއްޔާ އަދު ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި، ދިފާޢީ ވަޒީރު ޣައްސާން މައުމޫނަށް އަދި ދިވެހި ސިފައިންނަށް ދަންނަވައި ފޮނުއްވި ވީޑިއޯ މެސެޖުގައެވެ.

އެގޮތުން، ޙިލްމީ ވިދާޅުވީ، ދިވެހި ސިފައިންނަކީ، ދިވެހި ޤައުމު ދިފާޢު ކުރުމުގައި މަތިވެރި ޤުރުބާނީތަކެއް އަބަދުވެސް ވަމުން އަންނަ ބައެއް ކަމަށެވެ. އަދި ޤައުމަށް ދިމާވާ ކޮންމެ ބޮޑު ކާރިސާއެއްގައިވެސް ޚިދުމަތް ފޯރުކޮށްދީފައިވަނީ ދިވެހި ސިފައިން ކަމަށެވެ.

މިއާއެކު ޙިލްމީ ވިދާޅުވީ، ސިފައިންނަކީ ކޮށްފައިވާ ހުވާގެ މަތީގައި، ސާބިތުވެ ތިބެ، ރާއްޖޭގެ މިނިވަންކަން ދިފާޢު ކުރުމަށްޓަކައި 24 ގަޑި އިރު ތައްޔާރަށްތިބޭ ބައެއް ކަމަށެވެ.

އެހެންކަމުން އަޅުގަނޑު މިއަދު ދޭން ބޭނުންވާ ނަޞޭޙަތަކީ ސިފައިންނަކީ އަބަދުވެސް އަޅުގަނޑުމެން ކޮށްފައިވާ ހުވާގެ މަތީގައި، ސާބިތުވެ ތިބެންޖެހޭ ބައެއްގެ ގޮތުގައި ދެމިތިބުން. އަދި، އަޅުގަނޑު މެންނަކީ ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައި، ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، 24 ގަޑިއިރު ޚިދުމަތުގައި ދެމިތިބޭ ބައެއް ކަމުގައި އަޅުގަނޑުމެން އަބަދުވެސް ހަނދާނުގައި ބެހެއްޓުން

ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ

 

ސިފައިންގެ އަސްކަރީ ޤާބިލުކަން އިތުރު ކުރެއްވުމަށް ރައީސް ޑރ މުޢިއްޒު ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި ޙިލްމީ އިތުރަށް ވިދާޅުވީ، އެ މަސައްކަތުގެ ނަތީޖާތައް މިހާރު ފެންނަމުންދާ ކަމަށެވެ.

މި ރިޔާސީ ދައުރުގައި އަދިވެސް އިތުރު ގިނަ މަސައްކަތްތަކެއް ކުރެވިގެންދާއިރު، އަަޅުގަނޑުމެން އަސްކަރީގޮތުން ޤާބިލް ބަޔަކަށްވެ، ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގައި އަޅުގަނޑުމެންގެ އަމިއްލަ ބާރުހުރި ބައެއްގެ ގޮތުގައި އަޅުގަނޑުމެން ވެގެންދާނެ. ހަމައެއާއެކު އަޅުގަނޑުމެން ކޮންމެ ކަމެއްގައިވެސް ބޭރަށް ބަރޯސާވެ، ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ކުރިން އޮތް ނިޒާމް ބަދަލު ކުރެވި، އަޅުގަނޑުމެންގެ އަމިއްލަ ބާރުވެރި ކަމާއެކީގައި ސަރަހައްދު ބެލެހެއްޓުމުގެ ޤާބިލްކަން ލިބިގެންދާ މަންޒަރު ފެނިގެންދާނެ.

ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ

 

ދިވެހިރާއްޖޭގައި ސިފައިންގެ ޚިދުމަތް ފެށިފައިވަނީ 1892 އެޕްރީލު 21 ވަނަ ދުވަހުއެވެ.

ދިވެހި ސިފައިންގެ ޤާބިލްކަން އިތުރު ކުރެއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑި އިރު ބެލެހެއްޓުމަށް އަންމޭންޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫ.އޭ.ވީ) ވަނީ ރާއްޖެ ގެނެސް އޭގެ ބޭނުން ހިފަން ފަށާފައެވެ. އެ ދުއްވުމުގެ މަސައްކަތް ކުރަމުންދަނީ ދިވެހި ސިފައިންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *