ހަތް މަހުގެ ކުއްޖެއްގެ ކުއްލި މަރާ އެކު އިހުމާލުގެ ތުހުމަތު

ގއ. ގެމަނަފުށީގައި ރޯގާ ޖެހިގެން ފަރުވާ ހޯދަމުން ދިޔަ ތުއްތު ކުއްޖެއްގެ ހާލު ކުއްލިއަކަށް ގޯސްވެ ނިޔާވި މައްސަލައެއްގައި އާއިލާއިން ބޮޑެތި ތުހުމަތުތަކެއް ކޮށްފި އެވެ.

އެ ރަށު ހުސެއިން ޝަހުބާދާއި އޭނާގެ އަންހެނުންނަށް ނުވަ އަހަރަށް ފަހު ލިބުނު ތިން ވަނަ ދަރިފުޅު ނިޔާވީ ރޯގާގެ އުނދަގޫތަކެއްގައި އެ ރަށު ސިއްހީ މަރުކަޒަަށް ގޮސް ހޯދި ފަރުވާތަކުން ކަމަށް އާއިލާއިން ތުހުމަތުކުރެ އެވެ.

ކުއްޖާގެ ބައްޕަ ޝަހުބާދު ބުނީ ހަތް މަހުގެ އެ ކުއްޖާއަށް ރޯގާ ޖެހި ނޭފަތުން ފެން އައުން ނޫން އިތުރު އެއްވެސް އުނދަގުލެއް މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ވެސް ނެތް ކަމަށެވެ. އޭގެ ތިން ދުވަސް ކުރިން ޑޮކްޓަރަށް ދެއްކުމުން ނޭފަތަށް އާވިއަރުވަން ބުނުމުން ދިޔައީ އެކަން ވެސް ކުރަމުން ކަމަށާއި އެކަމަކު ތިން ވަނައަށްވީ ދުވަހު ކުޑަކޮށް ކެއްސަން ފެށި ކަމަށް އޭނާ ބުންޏެވެ.

ޝަހުބާދު "މިހާރު" އަށް ކިޔައިދިން ގޮތުގައި އޭނާގެ ދަރިފުޅަކީ ބައްޔެއް ހުރިކަން މިހާތަނަށް ވެސް އެނގިފައިވާ ކުއްޖެއް ނޫނެވެ. ވަރަށް އެކްޓިވްކޮށް އުޅެމުން އައި އެ ކުއްޖާއަކީ މީގެ ކުރިން އެފަދަ ކަމެއް ޝައްކުކުރެވިގެން ޓެސްޓެއް ވެސް ހެދި ކުއްޖެއް ނޫން ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކުޑަކޮށް ކެއްސާތީ ޑޮކްޓަރަށް ދެއްކުމުން ރޯގާގެ އަސަރެއް ނެތް ކަމަށާއި އެލާޖީއެއް ކަމަށް ވެދާނެ ކަމަށް ބުނެ ޑޮކްޓަރު ޓެސްޓެއް ހެދުވި އެވެ.

"15 ވަނަ ދުވަހު ކޮންމެވެސް ވަރަކަށް ކެއްސައިގަތީމަ ޑޮކްޓަރަށް ދައްކަންދިޔައިމާ ޑޮކްޓަރު ބުނީ ރޯގާގެ އެއްވެސް އަސަރެއް ނެތޭ. މޭގައި ނެތޭ ރޯގާގެ އަސަރެއް. ޓެސްޓެއް ހަދާލާށޭ ޖެހޭނީ،" ކުއްޖާގެ ހާލު ކުއްލިއަކަށް ގޯސްވާން ފެށި ގޮތް އޭނާ ކިޔައިދިނެވެ.

އެ ޓެސްޓަށް ފަހު، އައިވީ ފެނުން އާވި އެރުވުމުގެ ބަދަލުގައި ބޭހެއް އަޅައިގެން އަރުވަން ލަފާ ދިން ކަމަށް ޝަހުބާދު ބުންޏެވެ.

"އެ ދުވަހު 11 ގަޑި ކޮންމެވެސް ވަރެއްގައި އާވި އަރުވައިގެން [ހޮސްޕިޓަލުން]، ގެއަށް ދިޔައީ. ދެން ވެސް ހުރީ ވަރަށް އެކްޓިވްކޮށް ދަރިފުޅު ހުރީ. އެ ރޭ ވެސް 8 ހާއިރު އާވިއަރުވަން ދާން ބުނެފައި އޮތީ،"

އޭގެ ފަހުން ގެއަށް ދިއުމަށް ފަހު ކާން ދިނީ ކިރާއި ކުދިބިސްކޯދު ޗަސްކޮށްފައި ކަމަށާއި އެއީ ކުއްޖާ އާންމުކޮށް ވެސް ކާއެއްޗެއް ކަމަށް އޭނާ ޝަހުބާދު ބުންޏެވެ. އެކަމަކު އެ ދުވަހު އާ އެއްޗަކަށް ކުޑަ ކައްޓަލަކޮޅެއް ކާން ދިން ކަމަށް އޭނާ ބުންޏެވެ.

"މިބުނާ ދުވަހު އަޅުގަނޑުމެންނަށް އިތުރު އެއްޗަަކަށް ދެވުނީ ކައްޓަލަ. އަޅުގަނޑުމެން ކޭއިރުގައި ޗަސްކޮށްލާފައި ދަރިފުޅަށް ކޮންމެވެސް ވަރަކަށް ދިނިން. އަޅުގަނޑު މި ވާހަކަ ވެސް ދެންނެވިން [ޑޮކްޓަރުން ގާތު]،"

އެކަމަކު އެ ކޭ ފަހުން ވެސް ކުއްޖާ އުޅުނީ އެކްޓިވްކޮށެވެ. ރޭގަނޑު 8 ހާއިރު ދެވަނަ ފަހަރަށް ނޭފަތަށް އާވިއަރުވަން ގެންދިއުމަށް ތައްޔާރުވަނިކޮށް ކުއްޖާ ރޯން ފެށީ އެވެ. އެ މީހުން ހީކުރީ ކުއްޖާ ނިދި އައިސްގެން ރޮނީ ކަމަށެވެ. އެކަމަކު ރުއިން ނުހުއްޓައިގެން އަވަހަށް ޑޮކްޓަރަށް ދައްކަން ދިޔަ އެވެ.

"8 ޖަހާއިރު އާވިއަރުވާށާއި ޓެސްޓުގެ ނަތީޖާ ނަގައިގެން ޑޮކްޓަރަށް ދައްކަން އިނީ. އެެހެންވެ، ދާން އުޅެނިކޮށް ދަރިފުޅު ފައި ކުރުކޮށްލާފައި އިނދެގެން ރޮނީ. އަހަރެމެން ހީކުރީ ނިދި އައީ ކަމަށް،"

ސިއްހީ މަރުކަޒަށް ދިޔައިރު އެތަނުގައި އިނީ ނަރުހެކެވެ. އޭރު ކުއްޖާގެ ހާލު ސީރިއަސް ނޫން ކަމަށާއި ނަރުސް މީހާ ވެސް ކުއްޖާއަށް އާވި އަރުވަދިނީ ކަމަށް އޭނާ ބުންޏެެވެ.

"ނަރުސް ކުއްޖާ ވެސް ކޮންމެވެސް ކަމެއްވާހެން ހީވާތީ މި ގުޅީ ޑޮކްޓަރަށް. ގުޅައިގެން ޑޮކްޓަރު ކައިރީ ބުނީ އަންނަން. ދެން ޑޮކްޓަރު އައި ތަނުން އަހަރެން ވެސް އެތަނަށް ވަދެވިއްޖެ. އަހަރެން ހުރިން އެ ތަނުގައި ހުރިހާ ކަމެއް ކުރިއިރު ވެސް،" އޭނާ ކިޔައިދިނެވެ.

ޑޮކްޓަރު ފަރުވާދެމުން ދިޔައިރު ވެސް އެއީ ދުވަހަކު ކާން ނުދޭ އެއްޗެއް ދެވުމުންވީ ގޮތެއްތޯ އަހާފައި ވާނެ ކަމަށާއި އެކަމަކު އެކަމަށް ޑޮކްޓަރު މާބޮޑު ފަރުވާލެއް ނުދޭ ކަމަށް އޭނާ ބުންޏެވެ.

ޝަހުބާދު ބުނީ އޭގެ ފަހުން ޑޮކްޓަރު ވަނީ ކުއްޖާގެ ދެ ނޭފަތަށް ސިރިންޖަކުން އައިވީ ފެން ހަތަރު ފަހަރެއްގެ މަތިން އަޅާފައި އަރިދަފުސް ބޭރުކުރަން މަސައްކަތްކޮށްފައި ކަމަށާއި އެކަމަކު ކުއްޖާގެ ނޭފަތުން އަރުދަފުސް ނުފައިބައި ކަމަށް އޭނާ ބުންޏެވެ.

"ސިރިންޖަށް އައިވީ ފެން އަޅާފައި ކުއްޖާގެ ނޭފަތަށް ޕްރެޝަރުގައި ދުއްވާލީމާ އެ ކުއްޖާ ތުރުތުރު އަޅައިފައި ގޮތެއް ވެގެންދިޔަކަން އިނގޭ. ފަސް ވަނަ ފަހަރަށް ހެދިތަނާ ކުއްޖާގެ ވާއަތްފަޅީގެ ނޭފަތުން ލެއާ އެކީގައި އެ ފެންތައް ފައިބައިގެން ދިޔައީ،"

އޭނާ ބުނީ އެ ވަގުތު ނަރުސް މީހާ، ކުއްޖާ ރަނގަޅުތޯ ސުވާލުކުރި ކަމަށާއި އެކަމަކު ޑޮކްޓަރު އިނގިރޭސިން ވާހަކަ ދެއްކުމުން ކީ އެއްޗެއް ނޭނގުނު ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *