ރާއްޖޭގެ ފުރަތަމަ އަންހެން ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ، އެ މަގާމުން ވަކިވެވަޑައިގެންފި އެވެ.
މަގާމުން ވަކިވެވަޑައިގަތްކަން ހާމަ ކުރައްވައި، ފޮރިން މިނިސްޓްރީގެ މުވައްޒަފުންނަށް ފޮނުއްވި މެސެޖުގައި އިނާޔާ ވަނީ ފޮރިން ސެކްރެޓަރީގެ މަގާމުން ވަކިވެވަޑައިގަތަސް، މިނިސްޓްރީގެ ސެކްރެޓަރީގެ މަގާމުގައި އަދިވެސް ދެމި ހުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް، ފޮރިން ސެކްރެޓަރީގެ މަގާމުން އޭނާ ވަކިކުރީ ކަމެއް ނުވަތަ އަމިއްލައަށް އިސްތިއުފާ ދެއްވީ ކަމެއް ސާފެއްނުވެ އެވެ.
ހާރިޖީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އިނާޔާ ފޮރިން ސެކްރެޓަރީއަކަށް އައްޔަން ކުރެއްވީ ޑިސެމްބަރު، 2023 ގަ އެވެ. އެ މަގާމަށް އިނާޔާ ހަމަޖެއްސެވުމާ ހަމައަށް ހުންނެވީ ޑެޕިއުޓީ މިނިސްޓަރަކަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އިނާޔާ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި އެވެ. އަދި ފޮރިން މިނިސްޓްރީއާ އަލުން ވަޑައިގަތުމުގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގަ އެވެ.
އިނާޔާ ވަނީ އޮސްޓްރޭލިއާގެ ސިޑްނީ ޔުނިވާސިޓީން އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް އެފެއާޒް އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ.




