ފޮރިން މިނިސްޓަރު ހަލީލް ރަސްމީ ދަތުރުފުޅެއްގައި ކުވޭތަށް ވަޑައިގެންފި

ކުވޭތުގެ ފޮރިން މިނިސްޓަރު އަބްދުއްލާ އަލީ އަލް ޔަހްޔާގެ ދައުވަތަކަށް، ފޮރިން މިނިސްޓަރު ޑރ. އަބްދުއްލާ ހަލީލް ރަސްމީ ދަތުރެއްގައި ކުވޭތަށް ވަޑައިގެންފިއެވެ.

މި ދަތުރުގައި ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ އެހީ ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ތިން ދުވަހުގެ މި ދަތުރުގައި ފޮރިން މިނިސްޓަރު ހަލީލް، ކުވޭތުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދު އުފެދިފައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާނެއެވެ. އަދި ކުވޭތުގެ މިނިސްޓާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒްއާއި، މިނިސްޓާ އޮފް އިންވެސްޓްމަންޓް، އަދި މިނިސްޓާ އޮފް ފިނޭންސާއި ސަރުކާރުގެ އެހެނިހެން އިސް ވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ރާއްޖެއަށް ކުވޭތުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަޝްވަރާކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކުވޭތަކީ ރާއްޖެއަށް ތަރައްގީގެ ތަފާތު އެކި މަޝްރޫއުތަކަށް އެހީތެރިވެދޭ ގައުމެކެވެ. މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ކުވޭތް ފަންޑުގެ އެހީ ވަނީ ލިބިފައެވެ. އަދި ރާއްޖޭގެ ސިއްހީ ދާއިރާއަކީ އެ ގައުމުން އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ އެއް ދާއިރާއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *