ފަނޑިޔާރުން މައްސަލަ ބެލީ އިޖްރާއަތްތަކާއި ހިލާފަށް: ފިލްޒާ

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ، ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމަށް, ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމީ އިޖްރާއަތްތަކާއު ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވެއްޖެއެވެ.

ދެ ފަނޑިޔާރުން ވަކިކުރަން ނިންމި މައްސަލަ ދިރާސާ ކުރާ ޖުޑީޝަރީ ކޮމިޓީއަށް މިއަދު ފިލްޒާ ދެއްވި ލަފާގައި ވިދާޅުވެފައި ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީ އިން ބަލަން ފެށީ ގާނޫނުގައި ބަޔާން ކުރާ އިޖުރާއަތުތައް ފުރިހަމަ ނުކޮށް، ހިލާފަށްކަމަށެވެ.

" ވީމާ އިސްވެ ދެންނެވި ނުކުތާތަކަށް ރިއާޔަތްކުރާއިރު، ޖޭއެސްސީން ތަހުގީގުކޮށްފައިވާ މައްސަލަ ބެލުމާމެދު ގޮތެއް ނިންމުމުގައި އެ ކޮމިޝަނުން އަމަލުކޮށްފައި ވަނީ ގާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނޫ)ގައި ބަޔާންކުރާ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގެ ދައުރެއް ނެތި، އެ އިޖުރާއަތު ފުރިހަމަނުކޮށްކަން ފާހަގަކުރަން،" ފިލްޒާގެ ވިދާޅުވެފައިވެއެވެ.

ޖޭއެސްސީގެ ގާނޫނުގައި ބުނެފައިވަނީ އެ ކޮމިޝަނަށް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލައަކީ އެ ކޮމިޝަނުން ބަލާނެ މައްސަލައެއްތޯ ކަނޑައެޅުމަށްޓަކައި، މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއަށް އެ މައްސަލައެއް ފޮނުވަންވާނެކަމަށެވެ.

ފިލްޒާގެ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވި ލަފާގައިވަނީ ފަނޑިޔާރުން ވަކިކުރަން ނިންމި މައްސަލައާ ގުޅިގެން ހުރި ބައެއް ކަންބޮޑުވުންތައް ވެސް ހިއްސާކުރައްވައިފައެވެ.

 

ފިލްޒާ ހިއްސާކުރެއްވި ކަންބޮޑުވުންތައް

 

އަޒްމިރާލްދާގެ މައްސަލަ ޖޭއެސްސީން ބަލަން ފެށީ "އަމިއްލައަށް އިސްނަގައިގެން" ކަމަށް އޭނާގެ މައްސަލަ ބަލައި ނިންމި ރިޕޯޓުގެ ތައާރަފުގައި ބަޔާން ކޮށްފައި އޮތް ނަމަވެސް އެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅީ އަމިއްލަ ފަރާތަކުން ހުށަހަޅައިގެން ކަމަށް ހަމަ އެ ރިޕޯޓުގެ ހަތަރުވަނަ ސަފުހާގައި ބަޔާން ކުރާކަން

އަޒްމިރާލްދާގެ މައްސަލަ ހުށަހެޅީ ޖޭއެސްސީގެ ރައީސަށް އެޑްރެސްކޮށް. ނަމަވެސް ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތީން އެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއަށް ފޮނުވާފައި ނުވާކަން

ޖޭއެސްސީގެ ރައީސަށް އެޑްރެސްކޮށް ފޮނުވާ މައްސަލައެއް ކޮމިޝަނުގެ ސެކްރެޓެރީ ޖެނެރެލްގެ ސަމާލު ކަމަށް ގެންނަންޖެހޭނެ. އަދި އޭނާ މެދުވެރިކޮށް މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއަށް ފޮނުވަން ޖެހޭނެ ކަމަށް ޖޭއެސްސީގެ ގަވާއިދުގެ 51 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާކަން

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ..އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ނިންމާފައެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނަށް މަޖިލީހުގެ ކޮމިޓީގައި ޖަވާބުދާރީވުމުގެ ފުރުސަތު ނުދޭން ނިންމާފައި އޮތުމަށް ފަހު، އެންމެ ފަހުން ކޮމިޓީގެ ބައްދަލުވުންވެސް ސިއްރު ކުރަން ވެރިކަން ކުރާ ޕީއެންސީން ނިންމިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *