މަހާޒް އާއި އަޒްމިރަލްދާ ވަކިކުރަން މަޖިލީހުން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރަލްދާ ޒާހިރު އެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދެ މެންބަރުން ވަކިކުރުމަށް ނެގި ވޯޓުގައި 68 މެންބަރުން ވަނީ އެއްކޮޅަށް ވޯތު ދެއްވާފައެވެ. އަދި ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރެކެވެ.

ޖޭއެސްސީން ފޮނުވި ރިޕޯޓް ދިރާސާ ކުރުމަށްފަހު, ދެ ފަނޑިޔާރުން ވަކިކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އެ ކޮމިޓީ އިން ބޭއްވި ސިއްރު ބައްދަލުވުމުގައި ފަނޑިޔާރުން ވަކިކުރަން ނިންމައިފައިވާއިރު, ސުލޫކީ މައްސަލައެއް ބަލާފައިވަނީ އިޖުރާއަތު ފުރިހަމަ ނުކޮށް، ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ, އެ މައްސަލަ ބަލަން ޖޭއެސްސީން ނިންމީ ގޯސްކޮށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ އެ ކޮމިޓީއަށް ލަފާ ދެއްވާފައެވެ.

ނަމަވެސް މި ކަމާ ބަހުސް ކުރައްވަމުން މާފުށީ ދާއިރާގެ މެންބަރު ރިޒާ ވިދާޅުވީމި މައްސަލަ ބެލީ ކޮމިޝަނަށް ލިބިދޭ އިހްތިޔާރީ ބާރުގެ ތެރެއިން ކަމަށެވެ. މެންބަރު ރިޒާ ވަނީ ހަރުދަނާ އުސޫލުން ނެރެ, ކައުންސިލާ ޖެނަރަލް ޒިންމާދާރުވުމަށް ގޮވާލާފައެވެ.

އަދި އެ ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތަކަށް ވެސް އަޒްމިރަލްދާ ވަނީ އެދިވަޑައިގެއްފައެވެ. ނަމަވެސް އެ ފުރުސަތު ނުދޭން ކޮމިޓީން ވަނީ ނިންމައިފައެވެ.

އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރަން ނިންމީ ކްރިމިނަލް ކޯޓުގެ ގާޒީ ސަފްވަތު ހަބީބަށް ފަނޑިޔާރު މަހާޒު ގުޅުއްވައި ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް ބަންދުން ދޫކޮށްދިނުމަށް އެދިވަޑައިގަތް ކަމަށް ބުނެއެވެ.

ނަމަވެސް ފަނޑިޔާރު މަހާޒު ގާޒީ ސަފްވަތު ހަބީބަށް ގުޅުއްވީ ޑރ. އިސްމާއީލް ލަތީފް ބަންދުން ދޫކޮށްލިފަހުންކަން ވަނީ ހާމަވެފައެވެ.

މިކަން ހާމަވީ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް ޒިހުނީ ޖޭއެސްސީގެ ތަހުގީގަށް ދެއްވި ބަޔާނުންނެވެ.

ގާޒީ ޒިހުނީ ޖޭއެސްސީއަށް ދެއްވި ބަޔާނުގައި ވަނީ މަހާޒުގެ އެދިވަޑައިގަތުމަކަށް ގާޒީ ސަފްވަތު އޭނާއަށް ގުޅުއްވީ ބަންދާ މެދު ގޮތެއް ނިންމަން އިސްމާއީލް ލަތީފް ހާޒިރުކުރިތޯ ބަލަން ކަމަށެވެ. އެ ނޫން އިތުރު އެއްވެސް ސުވާލެއް މަހާޒު ކުރައްވާފައިނުވާ ކަމަށް ވެސް ޒިހުނީގެ ބަޔާނުގައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *