ދިވެހިރާއްޖޭގައި ބޭންކިންގެ ހިދުމަތް ދިނުމަށް ބޭނުންވާ ޕްރީ-އޮޕަރޭޝަނަލް ހުއްދަ ދެ ފަރާތަކަށް ދީފި އެވެ.
މަރުކަޒީ ބޭންކް — އެމްއެމްއޭ އިން މިއަދު ބުނި ގޮތުގައި އެ ހުއްދަ ދެ ފަރާތަކަށް ދިނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.
ހުއްދަ ދިނީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއެފްއެލްސީ) – މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ބޭންކްގެ ނަމުގައި ޓިއަ 1 ބޭންކަކަށް ބަދަލުކުރުމަށާއި، ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް – ބީއައިސީ ބޭންކް މޯލްޑިވްސްގެ ނަމުގައި ޓިއަ 1 ބޭންކެއް ގާއިމުކުރުމަށެވެ.
އެމްއެމްއޭ އިން ބުނީ މި ހުއްދަތަކާއެކު، ހިދުމަތް ފެއްޓުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކުރުމުން މި ދެ ފަރާތަށްވެސް ރާއްޖޭގައި ބޭންކިންހިދުމަތް ދިނުމުގެ ހުއްދަ ދޭނެ ކަމަށެވެ.
"މި އޮތޯރިޓީ އިން ދެކޭ ގޮތުގައި މިއީ މާލީ ހިދުމަތްތައް ފުޅާކޮށް، ވާދަވެރިކަން އިތުރުކޮށް އަދި ދިވެހިރާއްޖޭގެ މާލީ ދާއިރާގެ ދުރު ރާސްތާގެ ކުރިއެރުމަށް އެހީތެރިވެދޭނެ މުހިއްމު ފިޔަވަޅުތަކެކެވެ." އެމްއެމްއޭ އިން ބުންޏެވެ.




