ސަރުކާރުން ތައާރަފްކުރަން ނިންމާފައިވާ ޓެކްސީލައިންގެ ހިދުމަތް ފެށުން އޮގަސްޓް މަހަށް ފަސްވެއްޖެ އެވެ.
ސަރުކާރުން ކުރިން ނިންމާފައި އޮތީ ކުރިއަށް އޮތް ޖުލައި މަހުގެ ތެރޭގައި ހިދުމަތް ފެށުމަށެވެ. ލަސްވި ވަކި ސަބަބެއް ސާފުވާ ގޮތެއް ނުވި އެވެ. ނަމަވެސް މިހާރު މަސައްކަތްތައް ކުރިއަށްދާ ގޮތަށް ބަލާއިރު ޓެކްސީލައިންގެ ހިދުމަތް ފެށޭނީ އޮގަސްޓް މަހުގެ ތެރޭގައި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ވަނީ އަވަސްއަށް ޔަގީންކޮށްދީފަ އެވެ.
ސަރުކާރުގެ ޓެކްސީ ލައިންގައި ބޭނުންކުރާ އިލެކްޓްރިކް ވެހިކަލް (އީވީ) ޕާކް ކުރާނެ ބިމެއް މިހާރު ވަނީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ހަމަޖައްސާފަ އެވެ. ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ އިއްޔެގެ ވަގުތެއްގައި އެ ސަރަހައްދަށް ވަޑައިގެން ވެހިކަލްތައް ޕާކުކުުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު ބައްލަވާލައްވާފަ އެވެ.
ސަރުކާރުން ޓެކްސީ ލައިނެއްގެ ހިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް އެންމެ ފުރަތަމަ ހާމަކުރެއްވީ "މާލެ ފަހި ޕްރޮގްރާމް" އިއުލާންކުރުމަށް މިދިޔަ އަހަރުގެ ޖުލައި 24 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައެވެ. ސަރުކާރުގެ ޓެކްސީލައިން ހިންގައި އޮޕަރޭޓް ކުރުމަށް މިއަހަރުގެ ފެބްރުއަރީ 12 ވަނަ ދުވަހު ވަނީ އެމްޓީސީސީއާ ހަވާލުވެސް ކޮށްފަ އެވެ.
ޓެކްސީލައިނަށް ބޭނުންވާ އެޕްލިކޭޝަނާއި ޗާޖިން ސްޓޭޝަންތައް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެ އެވެ.
ސަރުކާރު ކުންފުނިން ޓެކްސީ ހިދުމަތް ފަށާއިރު ޓެކްސީ ޑްރައިވަރުންގެ ތެރެއިން 50 ޕަސަންޓަކީ ދާއިމީ މުވައްޒަފުންނަށް ހަދައި، އަނެއް 50 ޕަސަންޓަކީ އިތުރު ވަޒީފާއެއްގެ ގޮތުގައި ޓެކްސީ ހިދުމަތްދޭ ފަރާތްތަކަށް ވުމުގެ ފުރުސަތު ހުޅުވާލުމަށް ވަނީ ނިންމާފަ އެވެ.
ސަރުކާރުން ގެންނަ ގިނަ ޓެކްސީ ތަކަކީ ތެޔޮ އަޅަން ނުޖެހޭ އިލެކްޓްރޯނިކް ޓެކްސީތަކެކެވެ. އެގޮތުން ސަރުކާރުން ޓެކްސީ ހިދުމަތް ދިނުމަށް ބޭނުންކުރާ ޓެކްސީތަކުގެ 20 ޕަސަންޓާއި 25 ޕަސަންޓް ތިމާވެއްޓާއި ރަށްޓެހި ޓެކްސީއަށް ހެދުމަށް ވަނީ ނިންމާފަ އެވެ. އަދި މިހާރު އަމިއްލަ ފަރާތްތަކުން ޓެކްސީ ކުރާއިރު ސަރުކާރުގެ އަގަށް ވުރެ ބޮޑުކޮށް ބައެއް ފަހަރު އަގު ނެގި ނަމަވެސް އެމްޓީސީސީ އިން ފަށާ ޓެކްސީގެ ހިދުމަތުގައި ސަރުކާރުގެ އަގަށް ވުރެ ހިދުމަތުގެ އަގު ބޮޑު ނުވާނެ ކަމުގެ ޔަގީންކަންވެސް ސަރުކާރުން ދެއެވެ.
ސަރުކާރުން ޓެކްސީލައިނެއްގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން މިދަނީ ޓެކްސީގެ ހިދުމަތުގެ ތެރެއަށް ސަރުކާރުން ނުވަނުމަށް ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާ އިން ތަކުރާރުކޮށް ސަރުކާރަށް ގޮވާލާފައި ވަނިކޮށެވެ.




