ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން 3.7 ބިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފި އެވެ.
މީރާ އިން އާންމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދީ ތަންފީޒީ ފިޔަވަޅުތައް އަޅައިގެންނެވެ.
އެ ގޮތުން ނޯޓިސް ފޮނުވައިގެންނާއި ޑިއުޒް ކްލިއަރަންސް އަދި ބޭންކް އެކައުންޓް ފްރީޒްކޮށްގެން ފައިސާ ހޯދާފައިވާ ކަމަށް މީރާއިން ވަނީ ހާމަކޮށްފަ އެވެ.
އެޅި ފިޔަވަޅުތަކާއި ހޯދި ފައިސާގެ ތަފުސީލު
ނޯޓިސް – 2.74 ބިލިއަން ރުފިޔާ
ޑިއުޒް ކްލިއަރަންސް – 625.74 މިލިއަން ރުފިޔާ
ނަން ހާމަކުރުން – 43.94 މިލިއަން ރުފިޔާ
ބޭންކް އެކައުންޓް ފްރީޒިން ޕޮލިސީ – 109.42 މިލިއަން ރުފިޔާ
ލީގަލް އެކްޝަން – 86،733 ރުފިޔާ
ރިމައިޑާ ކޯލްސް / އީމެއިލް – 239.87 މިލިއަން ރުފިޔާ
މީރާ އިން ބުނީ ޓެކްސް ބަޔާން ހުށަހެޅުމަށް އަންގައި 52،158 ފަރާތަށް ނޯޓިސް ފޮނުވުމުން 4،311 ފަރާތް ނޯޓިސްއާ އެއްގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ. އަދި ފައިސާ ދެއްކުމަށް އަންގައި 36،843 ފަރާތަށް ނޯޓިސް ފޮނުވުމުން 8،139 ފަރާތް ނޯޓިސްއާ އެއްގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން 1،029 ފަރާތަކަށް އިންސްޓޯލްމަންޓް ޕްލޭން ހަމަޖައްސި ދިން ކަމަށާއި އެއީ ޖުމްލަ 2.5 ބިލިއަން ރުފިޔާ ކަމަށް މީރާއިން ބުނެފައިވެ އެވެ.




