ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް މި އަހަރު ޖަމާކުރި މިންވަރު އިތުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ފީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން އެސްޑީއެފްއަށް މި އަހަރު 907.6 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ.
މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 635.2 މިލިއަން ރުފިޔާގަ އެވެ. އެހެންކަމުން މިއީ 42.8 ޕަސެންޓް އިތުރުވުމެކެވެ.
އެސްޑީއެފް އަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި ނަގާ ލޯނުތައް އަނބުރާ ދެއްކުމުގެ ގާބިލްކަން ހޯދަން އުފެއްދި ފަންޑެކެވެ. ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް މި ފަންޑް އުފެއްދީ 2017 ވަނަ އަހަރު އެވެ.
އެ ފަންޑަށް ފައިސާ ޖަމާކުރަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އިންނެވެ.
ދަރަނި އަދާކުރަން 2025 ވަނަ އަހަރާއި 2026 ވަނަ އަހަރު ސޮވްރިން ފަންޑުން ރުފިޔާ ބޭނުންކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.




